ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރު ކަމަށް ލައިފް ސްޓައިލް އައިކަން އަދި ބޮލީވުޑްގެ ތަރި ކެޓްރީނާ ކެއިފް ހަމަޖައްސައި އެކަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިއުލާނުކޮށްފި އެވެ.
ކެޓްރީނާއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ އައިކަން އެކެވެ. ބްލޮކްބާސްޓާ ގިނަ ފިލްމުތަކާއި ޝަރަފުވެރި އެތައް އެވޯޑަކާ އެކު އޭނާއަކީ އިންޑިއާގެ ފިލްމީ ދާއިރާގައި ފާހަގަކުރެވޭ ފަންނާނެކެވެ. އޭގެ އިތުރުން ކެޓްރީނާ ވަނީ ވިިިޔަފާރީގެ ދާއިރާގައި ވެސް އޭނާގެ ހުނަރުވެރިކަން ދައްކުވައިދީ، އެ ދާއިރާއިން އެވޯޑުތައް ހާސިލުކޮށްފަ އެވެ. ފޯބްސް އައިކަން އެކްސެލެންސްގެ ޝަރަފު ހޯދާފައިވާ ކެޓްރީނާގެ ނުފޫޒު އެކި ބައްރުތަކުގެ ސިނާއަތްތަކަށް ވަނީ ފެތުރިފަ އެވެ.
އެމްއެމްޕީއާރުސީން ބުނީ ކެޓްރީނާ އާއެކު ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ވިޒިޓް މޯލްޑިވްސްއިން ކުރާނީ ސަމާ ސޭލް ކެމްޕެއިނާ ގުޅިގެން ކަމަށެވެ. މި ކެމްޕެއިނަކީ ރާއްޖޭގެ ހިތްގައިމު ގުދުރަތީ ރީތި ކަމާއި ފެހިކަން ގަދަ ކަނޑުގެ ދިރުންތަކާ އަދި ހާއްސަ ތަޖުރިބާތައް ދެނެގަތުމަށް ބާރުއަޅައި، މި ގައުމަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރު ކުރަން ހިންގާ ކެމްޕެއިނެއް ކަމަށެވެ.
ސަނީ ސައިޑް އޮފް ލައިފްގެ ގްލޯބަލް އެމްބެސެޑަރުގެ ގޮތުގައި އޭނާގެ އާ ދައުރާ ގުޅޭގޮތުން ކެޓްރީނާ ބުނީ ރާއްޖެއަކީ ގުދުރަތީ ރީތި ކަމުގެ އެންމެ މަތީ ދަރަޖަ ލިބިފައިވާ ގައުމު ކަމަށެވެ. ރީތި ކަމާއި ހަމަޖެހުން އެއްވާ ގައުމެއް ތަމްސީލު ކުރުމުގެ ޝަރަފު ލިބުމުން އެކަމާ މެދު އޭނާ ފަހުުރުވެރިވާ ކަމަށެވެ.
ކެޓްރީނާ ބުނީ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންނާ ހަމައަށް ރާއްޖެއިން ތަޖުރިބާކުރަން ލިބޭ ދުނިޔޭގެ ފެންވަރުގެ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިއުރީ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ފަސް އަހަރު ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ މަގާމު ހޯދާފައިވާ “ސަނީ ސައިޑް އޮފް ލައިފް” ގެ ރަމްޒަކަށް ކެޓްރީނާއަކީ ވަރަށް އެކަށީގެންވާ ފަރާތެއް ފަރާތެއް ކަމަށެވެ. އެގޮތުން ކެޓްރީނާގެ ޝަހުސިއްޔަތާއި އެކި ގައުމުތަކުގައި ދިރިއުޅެމުން އަންނަ އޭނާއަށް ތާއީދުކުރާ ފަރާތްތަކާ އޮންނަ ވަރުގަދަ ގުޅުން ފާހަގަކުރެއްވި އެވެ. ދުނިޔޭގެ މުހިންމު މާކެޓުތަކުގައި ސަމާ ސޭލްގެ މަަސައްކަތް ފަށާއިރު، އެކަމުގެ ނަތީޖާ ފެންނާނެ ކަމަށެވެ.