ވިލިމާލޭގައި ތަރައްގީ ކުުރުމަށް ހަމަޖެހިފައިވާ 112 އެނދުގެ ހޮސްޕިޓަލުގެ ޑީޓެއިލްޑް ޑިޒައިންގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ވިލިމާލޭގައި ތަރައްގީ ކުރުމަށް ނިންމާފައިވާ މި ހޮސްޕިޓަލަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އަޅާ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލުގެ ފީސިބިލިޓީ ހަދަން އެ ގައުމުގެ ސަރުކާރުން ހަވާލުކޮށްފައި ވަނީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީއަށެވެ.
ހޮސްޕިޓަލް ތަރައްގީ ކުރަން ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށް ލެޓަ އޮފް އެކްސްޗޭންޖުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހު އެވެ. އެ އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުގެ ފަރާތުން ސިޑްކާ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށް، ހެލްތު މިނިސްޓްރީ އާއި ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ކުރީގެ ހައުސިން މިނިސްޓްރީ އާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އަދި ވިލިމާލެ ހޮސްޕިޓަލުގެ ޓީމަކާ އެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވާ ކަމަށް ސަރުކާރުން މީގެކުރިން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން މަޝްރޫއުގެ ފީސިބިލީ ސްޓަޑީގެ ސާވޭގެ ހުރިހާ މަސައްކަތެއް ނިމިފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
ފީސިބިލިޓީ މަރުހަލާ ނިންމުމަށްފަހު، އެ ހޮސްޕިޓަލުގެ ޑީޓެއިލްޑް ޑިޒައިންގެ މަރުހަލާ ފެށުމަށް މިއަދު ވަނީ ލެޓާ އޮފް އެކްސްޗޭންޖުގައި ސޮއިކޮށްފަ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ އެވެ.
އެއްބަސްވުމުގެ ދަށުން ޗައިނާގެ ޓީމުގެ ފަރާތުން ހޮސްޕިޓަލުގެ ޑީޓެއިލް ޑިޒައިން މަސައްކަތް ކުރާނެ އެވެ.
ވިލިމާލޭގައި ތަރައްގީކުރާ ހޮސްޕިޓަލަށް ދީފައިވާ ނަމަކީ “ވިލިމާލެ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް” އެވެ.
ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމާއި ސަރުކާރުގެ އިސް އޮފިޝަލުންގެ އިތުރުން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އިސްރަށްވެހިންނަށް ފަރުވާ ދެވޭ ތަނެއްގެ ގޮތުގައި ހާއްސަ ކުރެވިގެންދާ މި ހޮސްޕިޓަލް އެޅުމަށް ވިލިމާލެ ހޮސްޕިޓަލް ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތަށް ނިންމާފައި ވަނީ ޓާޝަރީ ހޮސްޕިޓަލް އަޅަން ހަމަޖެހިފައި ވަނީ މިހާރު ބޭނުން ކުރަމުންދާ ހޮސްޕިޓަލް ހުރި ބިމުގައި ކަމަށްވާތީ އެވެ.