
ވިލިމާލޭގައި އަޅާ ހޮސްޕިޓަލުގެ މަސައްކަތް އަމަލީގޮތުން ފަށަން ކޮންސްޓްރަކްޝަން މިނިސްޓްރީން ޗައިނާ ސަރުކާރާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ކަައުންސެލަރު ޝަންގު ޝޫ އެވެ.
ސަތޭކަ ބާރަ އެނދުގެ އެ ހޮސްޕިޓަލު އަޅަން ނިންމާފައިވަނީ 12890 އަކަ މީޓަރުގެ ސަރަަހައްދެއްގަ އެވެ.
އެ ހޮސްޕިޓަލުން
- ބަލި މީހުން ބެލުމާއި އިމެޖެންސީ ހިދުމަތްތައް ލިބޭނެ
- ބަލި މީހުން އެޑްމިޓްކޮށްގެން ފަރުވާ ދެވޭނެ
- ޓާޝިއަރީ ފެންވަރުގައި ސިއްހީ ހިދުމަތް ދެވޭ ވަރަށް މެޑިކަލް އިކުއިޕްމަންޓް ހުންނާނެ
މިއަދު ސޮއިކުރި އެއްބަސްވުމަށް ފަހު ދެން އޮތީ އެ ހޮސްޕިޓަލު އަޅަން ކޮންޓްރެކްޓަރެއް ހޯދަން ބީލަމަށް ލުުން ކަމަށް ވެސް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.
އެގޮތުން އެ ކަންކަން ނިމި މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އިމާރާތް އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ވިލިމާލޭގައި ތަރައްގީކުރުމަށް ނިންމައިފައިވާ ހޮސްޕިޓަލްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ކުރުމަށް، ރާއްޖެއާއި ޗައިނާއާއި ދެމެދު ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފައި ވަނީ 2024 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. މިއީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްގީކުރާ ހޮސްޕިޓަލެކެވެ. މިހޮސްޕިޓަލުގެ އިމާރާތާއި ވަސީލަތް ގާއިމުކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ، ޗައިނާ ސަރުކާރުންނެވެ.

