ރާއްޖޭގެ ކޯޓެއްގައި ފުރަތަމަ ފަހަރަށް ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމުގެ ފުރުސަތު ދީފި އެވެ.
ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓަކީ ކުށެއްގެ ސަބަބުން ތަހައްމަލު ކުރަން ޖެހުނު ނަފްސާނީ އަދި ޖިސްމާނީ އަނިޔާ އާއި މައްސަލައިގެ ހާދިސާގެ ސަބަބުން ދިރިއުޅުމަށް ކުރި އަސަރު ކޯޓުގައި ބަޔާންކުރުމަށް މައްސަލާގައި އަނިޔާ ލިބުނު ފަރާތުން ކޯޓުގައި ހުށަހަޅާ ބަޔާނެކެވެ.
ކުޑަކުއްޖެއްގެ އުމުރުން 8 އަހަރުން ފެށިގެން 18 އަހަރާ ހަމައަށް އެކި ފަހަރު މަތިން އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ، 54 އަހަރަށް ޖަލަށްލުމަށް އިއްޔެ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އެ މައްސަލައިގައި ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމުގެ ފުރުސަތު ހުޅުމާލެ ކޯޓުން ދީފައިވާ ކަމަށެވެ.
މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާ ވަނީ އެ އޮފީސް މެދުވެރިކޮށް ކޯޓަށް ބަޔާނެއް ހުށަހަޅައި، އެ މައްސަލައިގެ ހާދިސާގެ ސަބަބުން ކުއްޖާގެ ދިރިއުޅުމަށް ކުރި އަސަރު ވަރަށް އަސަރާ އެކު ބަޔާންކޮށްދީފައި ކަމަށެވެ. ބަޔާން ކޯޓުގައި އިއްވަވައިދެއްވާފައި ވަނީ ޕަބްލިކް ޕްރޮސިކިއުޓަ އަލްމާސް މުބާރިކް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މައްސަލައިގައި ކުށް ސާބިތުވުމަށްފަހު އަދަބު ކަނޑައެޅުމުގެ ކުރިން އަނިޔާ ލިބުނު ކުއްޖާއަށް ކޯޓުގައި އެ ކުއްޖާގެ ބަސް އިއްވުމުގެ ފުރުސަތު ލިބިދިނުމަށް އެ އޮފީހުން ކޯޓުގައި އެދުމުން، ކޯޓުން އެ ފުރުސަތު ދިނީތީ އެކަމަށް ޕީޖީ އޮފީހުން ވަނީ މަރުހަބާ ކިޔާފަ އެވެ.
“މި އޮފީހުން މި ގެންދަނީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ވިކްޓިމުންނަށް އޮތް ފުރުސަތުތައް އިތުރަށް ފަހިކޮށްދީ، ވިކްޓިމް-ސެންޓާޑް ނިޒާމަކަށް މިސްރާބު ޖަހަމުންނެވެ.” ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި ޖިނާއީ މައްސަލަތަކުގެ ތެރެއިން ވިކްޓިމުން ހިމެނޭ މައްސަލަތަކުގައި، ކުށް ސާބިތުކުރުމަށް ކުރާ މަސައްކަތުގެ އިތުރުން އެ އޮފީހުން އެންމެ ބޮޑު އިސްކަމެއްދޭ ކަމަކީ ވިކްޓިމުން ބާރުވެރިކުރުވުން ކަމުގަ އެވެ. ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމަކީ ވިކްޓިމުން ބާރުވެރިކޮށް، ވިކްޓިމުންނަށް ތަސައްލީ ހޯދައިދިނުމަށް ޓަކައި ހުޅުވާލެވިފައިވާ މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލެއް ކަމުގައި ފާހަގަކުރި އެވެ.