ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިއަދު ބުނީ އެ ތަކެތި އަތުލައިގަތީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅޭ ފްލައިވުޑް ޝިޕްމެންޓެއްގައި ގިނަ އަދަދެއްގެ ސިނގިރޭޓް ރާއްޖެއަށް އެތެރެކުރަން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު ކަސްޓަމްސް އަށް ލިބުމާގުޅިގެން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަންއެއްގެ ތެރެއިން ހުޅުމާލެ ސީކާގޯ ޓަރމިނަލުން ކަމަށެވެ.
އެގޮތުން 40 ފޫޓުގެ 2 ކޮންޓެއިނަރެއްގެ ތެރެއިން 1360 ކޭސް ސިނގިރޭޓް (13،600،000 ސިނގިރޭޓް ސްޓިކް) ފެނުނު ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
އެ ޝިޕްމެންޓްގައި ހިމެނޭ ބްރޭންޑްތަކުގެ ސިނގިރޭޓަށް ޑިއުޓީދައްކަން އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު، އެތަކެތީގެ އަގު 122 މިލިއަން ރުފިޔާއަށް އަރާނެކަމަށް ކަސްޓަމްސްއިން ލަފާކުރެ އެވެ.
އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ކަސްޓަމްސްއިް ބުންޏެވެ.
މިދިޔަ އަހަރު ނިމެން އުޅެނިކޮށް ފާސްކުރި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނުނުގެ އާ އިސްލާހުތަކާއެކު ދުންފަތުގެ ބާވަތްތަކުން ޓެކްސް ވަނީ ވަރަށް ބޮޑުތަނުން ބޮޑުކޮށްފަ އެވެ.
އެއާއެކު ސިނގިރެޓްއިން ނަގާ ޓެކްސް ބޮޑުވެ އޭގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ. އެހެންވެ ފަހަކަށް އައިސް ވަގަށް ސިނގިރެޓް އެތެރެކުރަނިކޮށް އަތުލައިގަންނަ މިންވަރު ވަނީ އިތުރުވެފަ އެވެ.