
ނޭޝަނަލް ސާވިސް އިނީޝިއަލް ޓެރެއިންނިން ނުވަތަ ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނު ފުރިހަމަ ކުރުމަށް ދެވަނަ ބެޗު މިއަދު ޅ. މާފިލާފުއްޓަށް ފުރައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ މި ތަމްރީނުގެ ދެވަނަ ބެޗުގައި ރާއްޖޭގެ 112 ރަށަކުން 286 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުންނާއެކު ޖުމްލަ 350 ދަރިވަރުން ބައިވެރިވާ ކަމަށެވެ.
3 މަސް ދުވަހުގެ މި ތަމްރީނު ފުރިހަމަ ކުރާނީ މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައެވެ.
ދިވެހި ވަތަނީ ހިދުމަތަކީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، އިސްލާމް ދީނަށް ފަރުވާތެރި، ޒިންމާދާރު، ޖިސްމާނީ، ރީހާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް، މަސައްކަތަށް އަހުލުވެރި، އަހުލާގު ރަނގަޅު، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި މަޝްރޫއެކެވެ.
މި ތަމްރީނު ފުރިހަމަ ކުރާ ދަރިވަރުންނަށް ތަމްރީނު ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓެއް ދޭނެއެވެ. އަދި ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑާޝިޕް ސެތްފިކެޓް، ކޮމިއުނިޓީ ވޮލަންޓިއާ ފަޔާ ފައިޓާ އަދި ބޭސިކް ފަސްޓް އެއިޑް ސެޓްފިކެޓްގެ އިތުރުން ޕިއާ އެޑިއުކޭޝަން ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރި ކަމުގެ ސެޓްފިކެޓް ދޭނެއެވެ.
ދިވެހި ވަތަނީ ހިދުމަތުގެ ފުރަތަމަ ބެޗުގައި 340 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އެ ބެޗުން ތަމްރީނު ފުރިހަމަ ކުރި ދަރިވަރުންގެ ތެރެއިން ފަންނީ ތަމްރީނުތައް ހެދުމަށް 66 ކުދިން މިހާރު ވަނީ ބ. ކިހާދޫގައި ހުންނަ ސިފައިންގެ މަރުކަޒުގައެވެ.

