
2.4 މިލިއަން ދިވެހި ރުފިޔާގެ އަގުހުރި ކެނަބިސް ފަތް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، އަތުލައިގަތީ ޖުމްލަ 3 ކިލޯގްރާމް (3050 ގްރާމް) ގެ ބަރުދަނަށް ހުރި ކެނަބިސް ފަތެވެ. މި ތަކެތީގެ މަގުމަތީ އަގު 2.4 މިލިއަން ދިވެހި ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ. މި މަސްތުވާތަކެތި އަތުލައިގަތީ ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނިކޮށެވެ.
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބުދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ގެނައި އިސްލާޙު، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަސްދީޤުކުރައްވައިފައި ވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ

