
މީހެއްގެ ވައިބަރ އެކައުންޓް ހެކްކޮށް އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150,000ރއަށް ވުރެ ގިނަ ފައިސާ ހޯދައި، އެ ފައިސާތަކުގެ ތެރެއިން ބައެއް ނަގައިފައިވާ މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނ. މަނަދޫ / ވެށި، ޙުސައިން ސަމާޙު (33އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ޑިސެންބަރު 6ވަނަ ދުވަހުއެވެ. އޭނާ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 12 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި ޙުސައިން ސަމާޙު ވަނީ މި ސްކޭމްގެ ފައިސާ ނެގުމަށް ޓަކައި އަމިއްލަ އެކައުންޓެއް ބޭންކުގައި ހުޅުވައި، އެ އެކައުންޓް ކުއްޔަށް ދީފައެވެ. މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ހޯދާފައިވާ ފައިސާގެ ތެރެއިން 75,000 ރުފިޔާ އޭނާގެ އެކައުންޓަށް ޖަމާކޮށް އެފައިސާ ވަނީ ނަގައިފައެވެ.
މިއީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެވަނަ މީހާއެވެ. ފުރަތަމަ ހައްޔަރުކޮށްފައިވަނީ ޑިސެންބަރު 4ވަނަ ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ގ. މާލޭހިޔާ 1-16-03 / މާލެ، އަޙްމަދު ޙައްސާން (33އ) އެވެ. އޭނާއަށް ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.
މި މައްސަލައަކީ މީހެއްގެ ވައިބަރ އެކައުންޓް ހެކްކޮށް، އެ އެކައުންޓް ބޭނުންކޮށްގެން އެކި ފަރާތްތަކަށް މެސެޖުކޮށް ފައިސާ ހޯދާފައިވާ މައްސަލައެކެވެ. މި މައްސަލަ މިހާރު ވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

