
ގުޅިފައިވާ އައްޑޫ ސިޓީގެ ރަށްތަކުގައި ވަކިވަކި ކައުންސިލްތައް ހަދަން މިއަދު ނެގި ވޯޓުގައި އެކަމާ ދެކޮޅަށް ފޭދޫން ނިންމި ނިންމުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މަރުހަބާ ވިދާޅުވެއްޖެ އެވެ.
މިއަދު ނެގި ވޯޓުގައި ފޭދޫގައި ވަކި ކައުންސިލްއެއް ހަދަން ފެންނަ ކަމަށް 615 މީހުން ވޯޓުލިއިރު ނުފެންނަ ކަމަށް 1،782 ވޯޓު ދިނެވެ. ނަމަވެސް ހުޅުދޫއާއި މީދޫއިން ވަނީ ވަކިވަކި ކައުންސިލް ހަދަން ބޮޑު އަޣުލަބިއްޔަތަކުން ވޯޓު ދީފަ އެވެ.
ވޯޓުގެ ނަތީޖާއަށް އިޝާރާތްކުރައްވައި ފައްޔާޒް އެކްސްގައި މިރޭ ވިދާޅުވީ ފޭދޫގެ ނިންމުމަކީ ވަރަށް ހިކުމަތްތެރި ނިންމުމެއް ކަމަށެެވެ. އަދި އެ ނިންމުމަށް މަރުހަބާވެސް ވިދާޅުވި އެވެ.
އަދި ފޭދޫގެ ނިންމުމަކީ ގުޅިގެން މުސްތަގުބަލުގައި ކުރިއަށް ދިއުމަށް ނިންމި ބުއްދިވެރި ނިންމުމެއް ކަަމށް ވެސް އޭނާ ވިދާޅުވި އެވެ.
A resounding and wise decision by the citizens of Feydhoo. Congratulations. You have recognized that a unified Addu represents the most sensible and promising path for your collective future. I also extend my best wishes to Hulhudhoo and Meedhoo. May both islands continue to…
— Fayyaz Ismail (@faya_i) October 25, 2025
ހުޅުދޫއާއި މީދޫއިން ވަކިވެގަތުމަށް ނިންމި ނަމަވެސް އެ ދެ ރަށަށް ހެޔޮ އެދޭކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ. އަދި ވަކިވަކި ކައުންސިލްގެ ގޮތުގައި މިނިވަންކަމާއެކު ދެ ރަށުން ވެސް ތަރައްގީއައިގެން ކުރިއަށްދާތަން ދެކެން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުދޫ އާއި މީދޫއިން ވަކި ކައުންސިލްއެއް އުފައްދާނަމަ އެ ދެރަށަށް ވެސް ބްލޮކް ގްރާންޓުގެ ގޮތުގައި އެތަކެއް މިލިއަން ރުފިޔާއެއް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިމިގެން ދިޔަ ހަފްތާގައި އޮތީ ވިދާޅުވެފަ އެވެ.
“ހުޅުދޫ ކައުންސިލަށް ލިބޭނެ ގާތްގަނޑަކަށް 13 ނުވަތަ 14 ވަރަކަށް މިލިއަން ރުފިޔާ ބްލޮކް ގްރާންޓުގެ ގޮތުގައި. މީދޫ ކައުންސިލަށް ލިބޭނެ ގާތްގަނޑަކަށް 18 މިލިއަން ރުފިޔާ ބްލޮކް ގްރާންޓުގެ ގޮތުގައި، މިއީ އާބާދީގެ ނިސްބަތުންނާއި އެ ކަހަލަ ބައެއް އިންޑިކޭޓާސް އަށް ބިނާކޮށް ހަދާ އެއްޗެއް ވީމާ،” ތަފުސީލް ދެއްވަމުން ރައީސް ވިދާޅުވި އެވެ.

