މީޑިއާތަކުގެ މައްސަލަ ބަލަން އާ ކޮމިޝަންއެއް ހަދައި މީޑީއާ ރެގިއުލޭޓްކުރުން އިތުރަށް ވަރުގަދަކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އުޅޭ ބިލުގައި ހިމެނޭ ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭ މާއްދާ ބިލުން އުނިކުރަން އެޓާނީ ޖެނެރަލް އޮފީހުން އިސްލާހު ހުށަހަޅައިފި އެވެ.
މި ވަގުތު ކޮމިޓީ މަރުހަލާގައި އޮތް އެ ބިލަކީ މީޑިއާގައި ތަޅު އެޅުވުމަށް ހުށަހެޅި ބިލެއް ކަމަށް އިދިކޮޅާއި ބައެއް މީޑިއާތަކުން ވެސް ބުނަމުންދާ އިރު ބިލު އަނބުރާ ގެނައުމަށް ވެސް ވަނީ ގޮވާލައިފަ އެވެ. ނަމަވެސް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ބިލު އަނބުރާ ގެންދިއުމުގެ ބަދަލުގައި ވިސްނުން ހުރީ ބިލު އިސްލާހު ކުރަން ކަމަށެވެ.
އޭޖީ އޮފީހުން މިއަދު ބުނީ ބިލަށް ގެންނަން ބޭނުންވާ އިސްލާހުތައް މަޖިލީހަށް އިއްޔެ ފޮނުވާފައިވާ ކަމަށެވެ.
އެގޮތުން ބިލުގެ 67 ވަނަ މާއްދާގެ ދަށުން، ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރުން ނިންމާފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
އެ ބިލު ފާސްވެ ގާނޫނަކަށް ވުމުން މޯލްޑިވްސް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވިގެންދާނެ އެވެ. އަދި އެއާއެކު “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން”ގެ ނަމުގައި މިނިވަން ކޮމިޝަންއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަން ޖެހޭނެ އެވެ. އަދި ބައެއް މެމްބަރުން އައްޔަނުކުރާނީ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ބިލުގައި ބުނެފައި ވެއެވެ.
ނަމަވެސް އޭޖީން ހުށަހެޅި އިސްލާހުގައިވާ ގޮތުން ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައްޔާއި، އަދި ކޮމިޝަނުގެ ރައީސް އައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭނެ އެވެ.
އަދި މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އޮތުމުގެ ބަދަލުގައި ކޮމިޝަނަށް މެންބަރުން އިންތިހާބުކުރާ ބަޔަކަށް ލިބޭ ގޮތަށް ބޭއްވުމަށް އެ މާއްދާ އިސްލާހުކުރުމަށް ވެސް އޭޖީ އޮފީހުން ފޮނުވި ހިޔަލުގައިވެ އެވެ.
އޭޖީން ހުށަހެޅި އިތުރު އިސްލާހުތައް
- މީޑިއާއިން ގެނެސްދޭ މައުލޫމާތާއި ކޮންޓެންޓުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި، ރާއްޖޭގައި ހިންގާ މީޑިއާތަކުގެ އެޑިޓަރުންނަކީ ކޮމިޝަނުން ކަނޑައަޅާ ޝަރުތުތަކެއް ފުރިހަމަވާ ބައެއްކަމުގައި ހަމަޖެއްސުމަށް ބިލަށް މާއްދާއެއް އިތުރުކުރުން
- މެންބަރުންގެ ހުންނަންޖެހޭ ސިފަތަކުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ހުރުން މަނާކުރުމުގެ ބަދަލުގައި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން