
ޑްރަގް ވިޔަފާރި ކުރާ ފަރާތްތަކާ ދެކޮޅަށް މިއަދު ހެނދުނު މުޅި ރާއްޖެއަށް ނިސްބަތްވާ ގޮތަށް ފަށާފައިވާ ބޮޑު އޮޕަރޭޝަން، “އޮޕަރޭޝަން އަލިމަގު” ގެ ދަށުން 97 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް މިއަދު ހެނދުނު 5:30 ގައި ފަށާފައިވާ މި އޮޕަރޭޝަނުގައި މެންދުރު 12:15 އާ ހަމައަށް 97 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި، ބަލައިފާސްކުރެވުނު 86 ތަނަކުން ތަންތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ.
ރައީސް މިއަދު ވިދާޅުވެފައި ވަނީ މި އޮޕަރޭޝަނުގައި އެއްވަގުތެއްގައި 100 ތަން ފުލުހުން ބަލައިފާސްކުރަމުންދާނެ ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއީ ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.
ފުލުހުން ވަނީ މިހާތަނަށް ހޯދިފައިވާ ބައެއް ތަކެތީގެ ފޮޓޯ ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ އެކި ބާވަތްތަކާއި، ބޮނޑި ބޮނޑިއަށް ރަބަރު އޮޅާފައި ހުރި ގިނަ އަދަދެއްގެ ފައިސާ ހިމެނެ އެވެ.

