
“އޮޕަރޭޝަން އަލިމަގު” ގެ ދަށުން އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ސ. ހިތަދުއަށް ނިސްބަތްވާ 40 އަހަރުން ދަށުގެ 5 ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި ޑިސެންބަރު މަހުގެ 3ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ސ.ހިތަދޫ / ކޮންމުލި، ޢަލީ ނަދީމް (30އ) އާއި ސ. ހިތަދޫ / ފަލާޙް، ހާފިޡު ފައުޒީ (31އ) އާއި ސ. ހިތަދޫ / ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު (43އ) އާއި ސ. ހިތަދޫ / ދޮރުފޮތިމާގެ، ޙަސަން ޢަލްފާފް (28އ) އަދި ސ. ހިތަދޫ / ކެކުރިމާގެ، އަމީން މުޙައްމަދު (23އ) ކަމަށެވެ.
މި ނެޓްވޯކުގެ ތެރެއިން 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށާއި އަދި ފާއިތުވި ފަސް އަހަރު މި ނެޓްވޯކުގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއެވެ.
އޮޕަރޭޝަން އަލިމަގު: އައްޑޫއިން ޑްރަގުގެ އިސް މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަލީ ނަދީމް އާއި ހާފިޡު ފައުޒީ އަދި އިބްރާހީމް ސިރާޖަށް 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް، އަދި ޙަސަން އަލްފާފް އާއި އަމީން މުޙައްމަދު 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

