
އޮސްޓްރޭލިއާގެ ސަރުކާރުން 16 އަހަރުން ދަށުގެ ކުޑަ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މާނާ ކުރުމަށް ނިންމުމާ ގުޅިގެން، އެ ޤައުމުގެ 16 އަހަރުން ދަށުގެ ދެ ކުދިން ކޯޓަށް މައްސަލައެއް ހަށަހަޅައިފިއެވެ.
ބޭރުގެ މީޑިއާތައް ބުނާގޮތުން، ޢުމުރުން 15 އަހަރުގެ ނޯއާ ޖޯންސް އަދި މޭސީ ނޭލަންޑް ކޯޓަށް މައްސަލަ ހުށަހެޅީ މިނިވަންކަމާއެކު މުޢާމަލާތް ކުރުމުގެ ޙައްޤު ނިގުޅައިގަންނަ ކަމަށް ބުނެއެވެ. އަދި އެއީ ޤާނޫނު އަސާސީއާ ޚިލާފު ޢަމަލެއްކަމަށާއި މިއީ ކުޑަކުދިންގެ ޙައްޤުތަކަށް ބެލުމެއް ނެތި ނެރެފައިވާ ޤާނޫނެއްކަމަށް އެ ކުދިން ބުނެފައިވާކަމަށް މީޑިއާތައް ބުނެއެވެ.
“އަހަރެމެން ހަނު ތިބެގެން ނުވާނެ. މިއީ އޮރވެލްގެ ފޮތް 1984 ކަހަލަ ކަމެއް. މިކަމާ އަހަރެން ބިރުގަންނަނީ” މޭސީ ނޭލަންޑް ބުނެފައިވެއެވެ.
މި މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވާކަން އިޢުލާންކުރީ ޑިޖިޓަލް ފްރީޑަމް ޕްރޮޖެކްޓް (ޑީއެފްޕީ)، ޖަމިއްޔާއިންނެވެ. މިއީ ޑިޖިޓަލް ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމިއްޔާއެއްކަމަށާއި ޒުވާނުންނަށް މަޢުލޫމާތު ހޯދުމަށާއި ގުޅުން ބަދަހި ކުރުމަށް ސޯޝަލް މީޑިއާ މުހިއްމުކަމަށް އެ ޖަމިއްޔާއިން ބުނެފައިވާކަމަށް ބޭރުގެ މީޑިއާތަކުން މަޢުލޫމާތުދެއެވެ.
އޮސްޓްރޭލިއާގެ މި ޤާނޫނުގެ ދަށުން 16 އަހަރުން ދަށުގެ ކުދިންނަށް މެޓާ، ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކުގައި އެކައުންޓެއް ނުހުޅުވޭނެއެވެ. މި ޤާނޫނު ތަންފީޒުކުރުމަށް ނިންމާފައި ވަނީ އަންނަ ޑިސެމްބަރު މަހު 10 ވަނަ ދުވަހުކަމަށް މީޑިއާތައް ބުނެއެވެ.

