ދިވެހި ފިލްމް “ކަނބުލޮ” އޮލިމްޕަހުގައި ހައުސްފުލް ޝޯތަކަށްފަހު ވަދާޢީ ޝޯތަކާއި ދިމާލަށް މިސްރާބު ޖަހައިފިއެވެ. މިމަހުގެ 30 ގެ ނިޔަލަށް އޮލިމްޕަސް ސިނަމާގައި އެޅުވުމަށް ހަމަޖެހިފައިވާ މިފިލްމް ގެ ވަދާޢީ ޝޯތަކުގެ ޓިކެޓް މިހާރު ވަނީ ވިއްކަން ފަށާފައެވެ. މާލޭގެ އޮލިމްޕަސް ސިނަމާގައި މި ފިލްމުގެ ވަދާޢީ ޝޯތައް އަޅުވަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 28، 29 އަދި 30 ގައެވެ.
ރާއްޖޭގެ ފަހުގެ ތާރީޚެއްގައި އެންމެ ކާމިޔާބު ދިވެހި ފިލްމް “ކަމަނާ” އުފެއްދި ޓީމުން މިދިޔަ އޯގަސްޓް 31 ވަނަ ދުވަހު ޕްރިމިއަރ ކުރި ދިވެހި ފިލްމް “ކަނބުލޮ” އަށް ބެލުންތެރިންގެ ތަރުޙީބު ވަރަށް ބޮޑެވެ. އެގޮތުން މިހާތަނަށް އޮލިމްޕަހުގައި އެޅުވި ހުރިހާ ޝޯތަކެއް ވަނީ ހައުސްފުލްވެފައެވެ. އަދި ތަރުޙީބު ބޮޑުވެ، ދުވާލަކު ހައުސްފުލް 3 ޝޯ ވެސް ދައްކަމުން އަންނަ މި ފިލްމް ވަނީ ރާއްޖޭގެ 100 އަށް ވުރެ ގިނަ ރަށްތަކުގައި އާއި ރިސޯޓް އަދި ލަންކާގެ އިތުރުން ބެންކޮކް ގައިވެސް ސްކްރީން ކޮށްފައެވެ.
މިފިލްމަކީ މިއަހަރު މިހާތަނަށް އެޅުވޭ އެންމެ މަޤުބޫލު ފިލްމެއްގެ ގޮތުގައި ގިނަ ބެލުންތެރިން ސިފަކުރަމުންދާއިރު، މި ފިލްމް ބެލުމަށްފަހު ބެލުންތެރިންގެ ތަޢުރީފުތަކުން ވަނީ މީސްމީޑިއާގެ އެކި މަންސަތައް ފުރުވާލާފައެވެ.
އިނގިރޭސި ސަބްޓައިޓަލްސް އާއި އެކު ދައްކަމުންދާ މިފިލްމްގެ އިންޓަވަލް ކުރިން އެކި ރަހަތައް ގެނެސްދެމުންދިޔައިރު އިންޓަވަލް ފަހުން ވަނީ ބެލުންތެރިންގެ ހިތްތައް ދަމައިގަނެ، ލޮލުން ކަރުނަ އޮހުވާލާފައެވެ. އަދި ފިލްމް ނިންމާލީ މައިތިރިވެފައި ތިބި ބެލުންތެރިން އުފަލުން ހެއްވާލަމުންނެވެ. ބޭއިޚްތިޔާރުގައި ބެލުންތެރިންނަށް އަތްތިލަބަޑި ޖަހާލެވުނު މިފިލްމްއިން ދިވެހި މުޖްތަމަޢު އަށް ހެޔޮވަރު މެސެޖެއް ދިނެވެ. ފިރިހެނުންނާއި އަންހެނުންނަށް ދޫކޮށްލި މެސެޖުން ކޮންމެ “ކަނބުލޮ” އަކަށް ހިމަޔާތްދީ ރައްކާތެރިކުރުމަށް ހަނދާން ކޮށްދިން ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.
“ކަނބުލޮ” ފިލްމަކީ ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު ވާހަކައަކަށް ހޮވުނު “ޔުކްތާ” ވާހަކައިގެ މައްޗަށް ތައްޔާރުކޮށް ސެޓާން ސުޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން އިން ގުޅިގެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
މިފިލްމުގެ މައިގަޑު ތަރިންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާޝިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާ އެވެ.
މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރު އެވެ. މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ. އަދި ކަނބުލޮ ފިލްމުގެ ޕްރޮޑިސަރަކީ ކާމިޔާބު ފިލްމް “ކަމަނަ” ފިލްމުގެ ޕްރޮޑިއުސާރ އަދި ސެޓާން ސްޓޫޑިއޯގެ ވެރިޔާ އަލީ ޝާނިޒް މުހައްމަދު އެވެ.