ހުޅުމާލޭގައި ހުންނަ އޮރެންޖް ހިޔާ ބިލްޑިންއަށް މާލޭގައި ހުރި ނޭޝަނަލް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތްތައް ނިންމައި ހެލްތު މިނިސްޓްރީ އާ ހަވާލުކޮށްފި އެވެ.
ތެލެސީމިއާ ސެންޓަރުން ދެމުން އަންނަ ހިދުމަތްތަކާ ގުޅިގެން ހިދުމަތް ހޯދާ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ސެންޓަރަށާ އަދި އޮރެންޖް ހިޔާއަށް ޒިޔާރަތްކުރައްވާފަ އެވެ.
އެފަހުން މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު އެމަނިކުފާނު ވަނީ އޮރެންޖް ހިޔާގައި ހަދަމުން ދިޔަ ތެލެސީމިއާ ސެންޓަރުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ސިފައިންނާ ހަވާލުކޮށްފައިވާކަން ހާމަކުރައްވާފަ އެވެ.
ރައީސް އެ ދުވަހު ވިދާޅުވެފައި ވަނީ އެ ތަނުގެ މަސައްކަތުގެ ބޮޑު ބައެއް ނުނިމި ހުރުމާ އަދި މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުގެ ކޮންޓްރެކްޓް ވެސް ހަމަވާތީ މާޗް މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެ ތަން ނިންމުމުގެ މަސައްކަތް، ގައުމީ ކަމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ސިފައިންނާ ހަވާލުކުރައްވާފައިވާ ކަމަށެވެ.
ތަނުގެ ނުނިމިހުރި މަސައްކަތް ނިންމުމަށް ސިފައިންނަށް ދިނީ އެހާތަނަށް ކޮށްފައިވާ މަސައްކަތް އަގުކޮށް، ދޭން ޖެހޭ އެއްޗެއް އުސޫލުގެ ތެރެއިން މަސައްކަތްކުރި ފަރާތަށް ދިނުމަށް ފަހުގައިކަން ފާހަގަކުރެއްވި އެވެ. ސިފައިންނަކީ މީގެކުރިން ވެސް މިކަހަލަ ކިތަންމެ ކަމެއް ކޮށްފައި ތިބި ބަޔަކަށްވުމާ އެކު، އެމަނިކުފާނަށް ގަބޫލުފުޅު ކުރެއްވުނީ މަސައްކަތް އަވަހަށް ނިންމޭނީ ސިފައިންނާ ހަވާލުކުރުމުން ކަމުގައި ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި މަސައްކަތް ހަވާލުކުރީ އެއް މަސް ދުވަހު ތެރޭގައި ނިންމާ ގޮތަށް ކަމަށާއި އެ އަމާޒަށް ވާސިލުވުމަށް ހުއްޓާނުލައި ރެޔާއި ދުވާލު މަސައްކަތް ކުރުމަށް ސިފައިންނަށް އަންގަވާފައިވާ ކަމުގަ އެވެ.
ފާހަގަކުރަމުންދާ ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ ކުރިން ތެލެސީމިއާ ސެންޓަރު، އޮރެންޖް ހިޔާ ބިލްޑިންއަށް ބަދަލު ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.
އެމްއެންޑީއެފުން “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ ގައުމީ ހާއްސަ މަސައްކަތެއްގެ ގޮތުގައި ސިފައިންނާ ހަވާލުކުރި ތެލެސީމިއާ ސެންޓަރު އޮރެންޖް ހިޔާއަށް ބަދަލުކުރުމަށް ފެށި މަސައްކަތް ނިންމައި މިއަދު ހެލްތު މިނިސްޓްރީ އާ ހަވާލުކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވެފައި ވަނީ މިހާރު ހުރި ތެލެސީމިއާ ސެންޓަރަކީ ކުޑަ ތަނަކަށްވެފައި، މާހައުލު އޮންނަނީ ކުޑަކުދިންނާއި ޒުވާން ކުދިން އެންމެ ހިތްގައިމު ގޮތަކަށް ނޫން ކަމަށެވެ. އޮރެންޖް ހިޔާ މަރާމާތު ކުރެވޭއިރު، ތަނުގެ އިންޓީރިއާއަށް ރަނގަޅު ބަދަލުތަކެއް ގެނެސްފައި ހުންނާނެކަން ފާހަގަކުރެއްވި އެވެ.
އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލު ކުރެވުމުން މާލޭގައި މިހާރު ދެމުން އަންނަ ހިދުމަތްތަކަށް ވުރެ ރަނގަޅަށް ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށެވެ. އެގޮތުން އެ ތަނަށް ޑީއެންއޭ ޓެސްޓް ކުރާނެ މެޝިންތައް ހޯދުމާއި އިތުރު ފްރިޖްތައް ހޯދުން ފަދަ މަސައްކަތްތައް ވެސް ހިނގަމުންދާ ކަމަށެވެ. އަދި ސާމްޕަލް ބަހައްޓާނެ ޖާގަ ވެސް ތަނުގައި ބޮޑުވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.