މިއަދު އިންސްޓަގްރާމް ސްވައިޕް ކުރަމުން ދަނިކޮށް ފެނުނު ސްކްރީންޝޮޓެއްގެ ވާހަކަ ދައްކާލަން ކޮންމެހެން ވެސް ބޭނުންވިއެވެ. އޮތީ ބޮޑު ޑިމާންޑެކެވެ.
”5000 ރުފިޔާ ދީ، އޭރަށް އަމިއްލައަށް ހެދި ވީޑިއޯއެއްކަމަށް އެއްބަސްވާނަށް.” މިގޮތަށް ބިރު ދެއްކީ ނޫސްވެރިޔެއް ކަމަށްވާ ފާތިމަތު މަދާދާއަށެވެ.
މިގޮތަށް ކިތައް މީހުންނަށް ބިރު ދައްކާފައި ހުންނާނެ ހެއްޔެވެ؟ އެންމެންނަކީ މަދަދާ ގޮތަށް ކެރިގެން ނިކުންނާނެ މީހުންނެއް ނޫނެވެ. ނަމަވެސް އޭނާ އެ ދެއްކީ ހިތްވަރެކެވެ. މިފަދަ ނުބައި ނުލަފާ ކަންކަން ކުރާ މީހުންނަށް މަދަދާ ދިނީ ބޮޑު ޗެލެންޖެކެވެ. ބުނެދިނީ ދޮގު އިލްޒާމް އަޅުވައިގެން، ވެއްޓޭނެ އަގެއް، ލޫޓުވޭނެ ފައިސާއެއް ނޯންނާނެ ކަމެވެ.
މަދަދާ ހިއްސާ ކުރި ވާހަކައާއިއެކު، އެތައް އަންހެން ކުދިންނެއް އެ ނަންބަރުތަކުން މެސެޖު ލިބޭކަން އޭނާއާއި ހިއްސާކޮށްފައިވެއެވެ. މަދަދާ ވަނީ މި ވާހަކަތައްވެސް އޭނާގެ އިންސްޓަގުރާމުގައި ހިއްސާކޮށްފައެވެ. އެ ކުދިންގެ ބްލޮކް ލިސްޓުގައިވެސް އެ ނަމުގައި ހުރި އެތައް ނަންބަރުތަކެއް ހިމެނެއެވެ.

ޓެލެގްރާމުގައި މި ހިންގަމުން އަންނަ ބަރަހަނާ ޗެނަލްތަކުގައި އެތައް ހާސް ދިވެހިންނެއް އުޅެއެވެ. އެތަންތަނަށް އާއްމުކޮށް ލަނީ ރިވެންޖް ޕޯންއެވެ. ދިވެހިން ބުނާނަމަ ބަދަލު ހިފުމުގެ ގޮތުން ލީކު ކޮށްލާ ފޮޓޯތަކެވެ. ނަމަވެސް މިހާރު މިވަނީ އޭއައި ބޭނުންކޮށްގެން ވެސް މީހުންގެ ފޮޓޯ ހަދާ ލީކް ކުރާނެކަމަށް ބިރު ދައްކާ، ފައިސާ އަތުލުމުގެ އިންޒާރުތައް ދޭން ފަށާފައެވެ. ޒަމާނީ ގޮތުން އައި ކުރި އެރުންތަކާއި، އޭއައިގެ ސަބަބުންވީ ފަސޭހަތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުން މުހިންމެވެ. މިއީ ސައިބަރ ކްރައިމްގެ ކުށްތަކަށާއި އެހެން މީހުންގެ އަބުރަށް އަރައިގަތުމަށް ބޭނުން ކުރާ އުކުޅަކަށް ހެދުމަކީ ބިރުވެރިކަމެކެވެ.
މިފަދަ އަމަލުތައް ހިނގާ ގްރޫޕްތައް ހިނގަނީ އެކަމަށް އޯޑިއަންސެއް އޮތީމައެވެ. މިއީ ހަގީގަތުގައި މާ ދެރަ ކަމެކެވެ. ބަޔަކު މީހުން، އެމީހުންގެ ހިތްހަމަ ޖެހުމަށް ކުރާ ހާޑި އަމަލުތަކެއް ބަލާ، އެއަށް އަތް ތިލަ ބަޑި ޖެހުން އަދި މާ ހަޑިއެވެ. ބުނެލަން އޮތީ ހަމަ އައްޗީޑިއެވެ. ހަމަ އެހާ ޑެސްޕަރޭޓް ހެއްޔެވެ؟ މިކަން ކުރާ މީހުންނަށް ވެސް ބުނެލަން އޮތީ، ހަމަ އެހެނެވެ. ތި ނޫން ކަމެއް ކޮށްގެން އާއްމުދަނީއެއް ހޯދަން ހަމަ ނޫޅެވެނީ ހެއްޔެވެ؟ އަނެކާގެ ކުރިއެރުމަށް ހުރަސް ނާޅާ، އަނެކާގެ އަގު ވައްޓާނުލާ، ތިމާއަށްވެސް ކުރިއެރޭނެއެވެ.
އޮރިޔާން ކާޑު އުފެއްދުމާއި ގެންގުޅުމަކީ ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރުން މަނާކަމެކެވެ. އެހެންކަމަށްވާއިރު، ކަނޑައެޅިގެން މިފަދަ ކަންކަމަށް ފާޅުގައި މީހުން އަރައިގަންނަމުންދާއިރު، މިކަންކަން ހުއްޓުވެން ޖެހެއެވެ. އޮތް ހައްލަކީ ކޮބައިކަން ދެނެގަންނަން ޖެހެއެވެ. ޒަމާނަށް އަންނަ ބަދަލުތަކާއިއެކު، ހަމައެކަނި ކުށްވެރިން ކުރިއަރަން ފުރުސަތު ދީގެން ނުތިބެ، ފިޔަވަޅުތައް ހަރުދަނާ ކުރެވެން އެބަޖެހެއެވެ. މިފަދަ ކަމެއްގެ ޝިކާރައަކަށް ދެން ވާނީ ކާކުކަމެއް ނޭގެއެވެ. މިއީ މުޖުތަމައުގެ ހަމަޖެހުމާއި ރައްކާތެރިކަން ގެއްލި، ބިރުވެރިކަން އާންމުވެދާނެ ކަންތައްތަކެވެ.
މިފަދަ ކަންކަން ކުރާ މީހުންނަށް އެ އަރައިގަނެވެނީ ބޮޑެތި ކުށް ކުށަށެވެ. ފުލުހުން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރުވެސް، މިހެން ހުންނަ ގުރޫޕުތަށް ހިންގާ މީހުން ދެނެގަނެ، ހައްޔަރުކޮށް، ކުރެވުނު ތަހުގީގުގެ އަލީގައި އެމީހުންގެ މައްޗަށް މަނީ ލޯންޑްރިންގ އާއި ޑްރަގް ޓެރެފިކިންގ އާއި ހަށިވިއްކުމާއި ހަށި ވިއްކުމަށް ހިތްވަރު ދިނުމާއި އޮރިޔާން ކާޑު އުފެއްދުމާއި، އޮރިޔާން ކާޑު ބެހުމުގެ ކުށަށް ތުހުމަތުކުރެވެއެވެ.
މީސްމީޑިއާގައި މިގޮތަށް އޭއައި ނޫނީ އެ ނޫންވެސް ފޮޓޯ އާއި ވީޑިއޯ ލީކްވެ ބްލެކްމޭލެގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކުން ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރު ނަންބަރު 9136262 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.