ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު ވަހީދު ވަކިކޮށްފި އެވެ.
މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި “ބިންވެރިޔާ” ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވެ މިދިޔަ ޑިސެމްބަރު މަހު ބަލަން ފެށި މައްސަލަ އާ ގުޅިގެން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އެ ކުންފުނީގެ އޭރުގެ ޗެއާމަން އަހްމަދު ނާސިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެމްބަރުން ސަސްޕެންޑްކުރި އެވެ.
ވަހީދު ހިމެނޭހެން ބޯޑުގެ މެމްބަރުން ސަސްޕެންޑްކޮށްފައިވަނިކޮށް ތަހުގީގަށް ފުރުސަތު ދިނުމަށާއި ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ނުހުއްޓި ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ އިބްރާހިމް ފަޒުލް ރަޝީދު ވަނީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ގުޅިގެން ފުލުހުން ކުރަމުން ދިޔަ ތަހުގީގުގައި 20 މީހެއްގެ ޕާސްޕޯޓު މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ހިފެހެއްޓި އެވެ. ރާއްޖެއިން ފުރުން މަނާކޮށް ޕާސްޕޯޓު ހިފެހެއްޓި މީހުންގެ ތެރެއިން ދޫނުކޮށް ހުރި ޕާސްޕޯޓުތައް މިދިޔަ މަހުގެ ތެރޭގައި ފުލުހުން ވަނީ ދޫކޮށްލާފަ އެވެ.
ޕީސީބީން “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ އެޗްޑީސީގެ ބޯޑު މެމްބަރުކަމުގެ މަގާމުގައި ހުންނެވި ހއ. ފިއްލަދޫ، މަބުސްތާނުގެ މުހައްމަދު ވަހީދު އެ މަގާމުން މިއަދު ވަކިކޮށްފައިވާ ކަމަށެވެ.
އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެ އެވެ.
މައްސަލަ އާ ގުޅިގެން އެޗްޑީސީން 15 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވެ އެވެ. އެފަހުން އެ މީހުންގެ ވަޒީފާ އިއާދަކޮށް، ސަސްޕެންޑްކުރި އެވެ. އޭގެ ތެރެއިން ބައެއް މުވައްޒަފުންގެ ސަސްޕެންޝަން މިދިޔަ ފެބްރުއަރީ މަހު ވަނީ އުވާލާފަ އެވެ.