
ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސްކަމަށް ޑރ. އާއިޝަތު ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެޗްއާރްސީއެމްގެ ރައީސްކަމަށް ޑރ ރަމީލާ އައްޔަން ކުރުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ފޮނުއްވި މައްސަލަ ހުށަހެޅީ އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ދައުރުން ބޭރުން ބޭއްވި ޖަލްސާގައެވެ.
މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ފޮނުވުމުން، ކޮމެޓީގެ ބައްދަލުވުމެއް ބާއްވައި ރަމީލާގެ ނަން ކޮމެޓީގައި ބައިރިވެރިވި މެންބަރުން އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. އޭނާ އެ މަގާމަށް އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ ދައުރުން ބޭރުން މިއަދު ބޭއްވި ހާއްސަ ޖަލްސާގައި 38 މެންބަރުންގެ އިއްތިފާގުންނެވެ.
ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރެވެ. އެހެން ނަމަވެސް ކެންސަރުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދެވުމަށް ގިނަ ވަގުތު ހުސްކުރައްވަން ޖެހިވަޑައިގަތުމާ އެކު ރަމީލާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އެފަހުން އެޗްއާރްސީއެމްގެ މެންބަރު ކަމަށް ރަމީލާ އައްޔަނުކިރެވުނީ މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު އެވެ.
ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަަމަށް އައްޔަންކުރެއްވީ، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މަރިޔަމް މުނާގެ މަގާމުގެ މުއްދަތު ހަމަވުމުންނެވެ.

