
ހިއުމަން ރައިޓްސް ކޮމިޝަން(އެޗްއާރުސީއެމް)ގެ ފުރަތަމަ ރައީސް އަހުމަދު ސަލީމް ލިޔުއްވި ފޮތެއް ރައީސް ޑރ. މުއިއްޒު މުއިއްޒުއަށް މިއަދު ހަދިޔާކުރައްވައިފި އެވެ.
”އެޗްއާރުސީއެމްގެ ހަނދާންތައް” ނަމުގައި ސަލީމް ލިޔުއްވި އެ ފޮތް ރައީސް މުއިއްޒުއަށް ހަދިޔާ ކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
ސަލީމްގެ ފޮތުގައި، ހިއުމަން ރައިޓްސް ކޮމިޝަން އުފެދިގެންއައި ގޮތާއި، ދިވެހިރާއްޖޭގެ ފުރަތަމަ ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސްކަމުގައި ހޭދަކުރެއްވި ފަސް އަހަރުގެ ތަޖުރިބާތަކާއި، ރާއްޖެ ޑިމޮކްރަސީ ނިޒާމަށް ބަދަލުވެގެންދިޔަ ތާރީހީ މުހިންމު ދަނޑިވަޅުގައި ހިނގާފައިވާ ކަންތައްތަކުގެ މައްޗަށް މިފޮތުގައި އަލިއަޅުއްވާލައްވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން 2003ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭގައި ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެއްދެވިއިރު، އެ ކޮމިޝަނަށް އައްޔަން ކުރެއްވި މެންބަރުންގެ ތެރޭގައި ސަލީމް ހިމެނިވަޑައިގެންނެވިއެވެ. އަދި މިހާރު ޢަމަލުކުރަމުންގެންދާ 2008ވަނަ އަހަރު ތަސްދީގު ކުރެވުނު ގާނޫނު އަސާސީގެ ދަށުން އެކުލަވައިލި ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސަކީވެސް ސަލީމް އެެވެ.

