ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެޗްއާރުސީއެމްގައި ތިއްބަވާ މެމްބަރުންގެ ތެރެއިން އެ ކޮމިޝަންގެ މެމްބަރު މަރިޔަމް މުނާގެ ދައުރު އަންނަ ނޮވެމްބަރު މަހު ހަމަވާނެ އެވެ.
އެހެންވެ މުނާގެ ބަދަލުގައި އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ވަނީ މިއަދުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރު 12 ޖަހަންދެން ހުޅުވާލައިފަ އެވެ.
ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.
ރައީސް އޮފީހުން ބުނީ މެންބަރުކަމުގެ މަގާމަށް އެދި ހުށައަޅާ ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް، ރައީސް އޮފީހުން ކަމަށެވެ.
އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލިއިރު އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ކޮމިޝަންގެ މެމްބަރުކަމަށް ދެ ބޭފުޅަކު ވެސް އައްޔަނުކުރައްވައިފަ އެވެ. އެއީ މުހައްމަދު ޝަފީގު މަހުމޫދާއި ސީބްރީޒް އަހުމަދު މަގުސޫމް އެވެ.