
ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސްގެ މެމްބަރުކަމަށް ޑރ. ޢާއިޝަތު ރަމީލާ އައްޔަންކުރައްވައިފިއެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް ޑރ. ރަމީލާ އައްޔަން ކުރައްވައިފައި ވަނީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 63 މެންބަރުންގެ އަޤުލަބިއްޔަތުންނެވެ. އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި މިހާރު ހުންނެވި މަރިޔަމް މުނާގެ މަޤާމުގެ މުއްދަތު ހަމަވުމާއި ގާތްވުމާއި ގުޅިގެން އެ މަޤާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށް ރައީސް އޮފީހުން ފުރުސަތު ހުޅުވާލެއްވިއެވެ. މި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޑރ. ރަމީލާގެ ނަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައި ވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ.
އެޗްއާރްސީއެމްގައި ޖުމްލަ 5 މެންބަރުން ތިއްބައެވެ. އެ ކޮމިޝަންގައި މިހާރު ތިއްބެވީ ރައީސް މަރިޔަމް މުނާ، ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދު، މެންބަރު ސަމާއު އަޙްމަދު ނަޖީބާއި އިސްމާޢީލް ހަބީބް އަދި އަޙްމަދު މައުސޫމެވެ.
ޑރ. ރަމީލާ ކުރިން ހުންނެވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރަކަށެވެ. ނަމަވެސް އެކަމަނާގެ ޞިއްޙީ ޙާލުކޮޅު ހުރިގޮތުން ވަޒީރުކަމުން އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

