
ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސްކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު، ޑރ. އައިޝަތު ރަމީލާ މިއަދު އައްޔަންކުރައްވައިފިއެވެ.
އެ މަގާމަށް ރަމީލާ އައްޔަންކުރަން ރުހުން ހޯދަން މަޖިލީހަށް ހުށަހެޅީ އިއްޔެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައެވެ. އަދި މަޖިލީހުގެ އަގުލަބިއްޔަތުން އެ މަގާމަށް ރަމީލާ އައްޔަންކުރަން އޮތީ ފާސްވެސްކޮށްފައެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ މަގާމަށް ރަމީލާ އައްޔަނުކޮށް މަގާމުގެ ލިޔުންވެސް ހަވާލުކޮށްފައިވާ ކަމަށެވެ.
ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރެވެ. އެހެން ނަމަވެސް ކެންސަރުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދެވުމަށް ގިނަ ވަގުތު ހުސްކުރައްވަން ޖެހިވަޑައިގަތުމާ އެކު ރަމީލާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އެފަހުން އެޗްއާރްސީއެމްގެ މެންބަރު ކަމަށް ރަމީލާ އައްޔަންކިރެވުނީ މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.
ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަަމަށް އައްޔަންކުރެއްވީ، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މަރިޔަމް މުނާގެ މަގާމުގެ މުއްދަތު ހަމަވުމުންނެވެ.

