
ކުޑަކުދިން ޓްރެފިކްކޮށް އެ ކުދިންނަށް ޖިންސީ ގޯނާކުރުމާއެކު ސިޔާސީ އެކި ފަރާތްތައް އެކަމުގައި ބްލެކްމެއިލްކުރުމުގައި ހަރަކާތްތެރިވި ޖެޕްރީ އެޕްސްޓެއިންއާ ގާތް ގުޅުމެއް ބޭޢްވެވިކަމަށް ތުހުމަތުކުރެވިފައިވާ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެސްޕެޝަލް އެންވޯއީގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ވަހީދު އެޕްސްޓެއިންއާ ގާތް ގުޅުމެއް ބޭއްވިކަމުގެ ތުހުމަތުތައް ފެންމަތިވީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން އެޕްސްޓެއިންއިން އާންކުރި އެޕްސްޓެއިންއާ ގުޅޭ ލިޔުންތަކުންނެވެ.
އެ ލިޔުންތަކުގައި އެޕްސްޓެއިންއާ އެކު ރައީސް ވަހީދު އެކި ފަހަރު ކޮށްފައިވާކަމަށް ބުނާ އީމެއިލްތައް ހިމެނޭ އިރު ރައީސް ވަހީދު އެކަމާ ގުޅޭ ގޮތުން މިހާތަނަށް ވެސް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އެހެންވެ ގިނަ ބައެއްގެ ފާޑުކިއުން އެމަނިކުފާނަށް އޮތީ އަމާޒުވެފައެވެ.
އެ ފާޑުކިޔުންތައް ބޮޑުވެފައި ވަނިކޮށް ރައީސް އޮފީހުގެ ވެބްސައިޓުގައި މިއަދު ޝާއިއުކުރި ލިޔުމެއްގައި ބުނީ ވަހީދު ސްޕެޝަލް އެންވޯއިގެ މަގާމުން އިސްތިއުފާ ދެއްވައި، އިސްތިޢުފާގެ ސިޓީމިއަދުގެ ހެނދުނުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައިވާ ކަަމަށެވެ.
އެޕްސްޓެއިންގެ ފައިލްތަކުގައި ދުނިޔޭގެ ސިޔާސީ މުހިންމު ގިނަ ބޭފުޅުން ހިމެނޭ އިރު ބައެއް ބޭފުޅުން ވަނީ ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން އިސްތިއުފާ ދެއްވައިފައެވެ.

