
ފަހިދިރިއުޅުން ކޯޕަރޭޝަން(އެފްޑީސީ)އިން ހުޅުމާލޭގެ ފޭސް ދޭއްގައި ތަރައްގީކުރި 4000ފްލެޓްތަކުގެ ތެރެއިން ފްލެޓެއްގައި ބިދޭސީ ލޭބާކުއާޓާއެއް ހެދުމުން 50،000ރުފިޔާއިން އެ ފްލެޓުގެ ވެރި ފަރާތް ޖޫރިމަނާކޮށްފިއެވެ.
އެފްޑީސީގެ ފްލެޓުތައް ހަވާލުކުރަން ފެށިފަހުން ބިދޭސީންނަށް ކުއްޔަށްދޭން އިޝްތިހާރުކުރި މައްސަލައެއް ދާދި ފަހުން ފެންމަތިވުމުން އެކަން އެގޮތަށް ނުކުރެވޭނެކަމަށް އެޗްޑީސީން ފަހުން އޮތީ ބުނެފައެވެ. އަދި އެފަދަ ފުލެޓުތައް ހުސްކުރަން ވެސް އެންގިއެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު “ދެން”އަށް ވިދާޅުވީ “އަމާން އުދަރެސް”ގެ ފްލެޓެއްގައި ބިދޭސީންގެ ލޭބާ ކުއާޓާއެއް ހެދި މައްސަލައެއް އެ ކޯޕަރޭޝަންގެ ސުޕަވައިޒަރުންނަށް ފާހަގަވެގެން އިންސްޕްކެޝަންއިން ހިންގި ކަމަށެވެ.
އަދި މި ހަފްތާ އެ ފްލެޓްގެ ވެރި ފަރާތް 50،000ރުފިޔާއިން ޖޫރިމަނާކޮށް 10ދުވަސް ތެރޭ އެ ލޭބާ ކުއާޓާ ނަގަން އަންގާފައިވާ ކަމަށް ވެސް ހަމްދާން ވިދާޅުވިއެވެ.
“އެ މުއްދަތުގެ ތެރޭގައި ލޭބާ ކުއާޓާ ނުނަގައިފިނަމަ އެ ފްލެޓް އަތުލާނަން” ހަމްދާން ވިދާޅުވިއެވެ.
ސޯޝަލް ހައުސިން ސްކީމުގެ ދަށުން ތަރައްގީކުރާ ތަންތަން ކުއްޔަށް ދިނުމުގެ މައްސަލަ ވަރަށް ބޮޑެވެ. އެހެންވެ ގާނޫނު އިސްލާހުކޮށްގެން ނަމަވެސް އެކަން ހުއްޓުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

