
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް)ގެ ހިޔާނާތުގެ މައްސަލައިގައި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ނިންމި މައްސަލަ އިސްތިއުނާފްކުރަން ދައުލަތުން ނިންމައިފިއެވެ.
އަމީންގެ މައްޗަށް ދައުވާކުރީ އެ ހިޔާނަތުގައި ޝާމިލުވި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް ޖަލީލު އެ ކުންފުނިން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ އަމިން އެވެނިއުގެ ދެ އެޕާޓްމެންޓެއް އެފްއޭއެމްގެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާކުރުމުގައި އެހީތެރިވިކަމަށް ތުހަމަތުކޮށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އެ މައްސަލައިގައި އަމީންގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅައިފައެވެ.
އެހެން ނަމަވެސް އަމީން ކޮންސްޓްރަކްޝަން ހިމެނޭ މުއާމަލާތާ ގުޅިގެން ބައްސާމްގެ މައްޗަށް މަނީ ލޯންޑްރިންގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައެވެ.
އެހެންކަމުން، ހަމަ އެ މުއާމަލާތާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ހުށަހެޅި ދަޢުވާ ސާބިތުނުވާކަމަށް އެކޯޓުން ހުކުމްކޮށްފައިވަނީ ޝަރުއީ އަދީ ގާނޫނީ އުސޫލުތަކާ ހިލާފަށްކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ބުންޏެވެ.
އެހެންކަމުން އަމީން ކޮންސްޓްރަކްޝަންގެ ބައި ރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ގަސްދުކުރާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
ނަމަވެސް، ޕީޖީ އޮފީހުން ބުނީ މައްސަލަ އިސްތިއުނާފް ކުރުމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު އެ އޮފީހަށް ލިބުމުން ކަމަށެވެ.

