
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި އިތުރު ބަޔަކަށް ދައުވާ ކުރަން ފުލުހުން، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވައިފިއެވެ.
ފުލުހުން ދައުވާ ކުރަން ފޮނުވާފައި ވަނީ މައުރޫފްގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ފާތިމަތު ޒަހިއްޔާ އަދި ނ. ހޮޅުދޫ، މާފޮޅޭވިލާ، އަބްދުއްސަލާމްގެ މައްޗަށެވެ.
އެމީހުންނަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ އޮކްޓޯބަރު 3، 2025ގެ ރޭ މާލޭގައި މުޒާހަރާ ކުރި މައްސަލައިގައެވެ. ފުލުހުން ތުހުމަތުކޮށްފައި ވަނީ އެމީހުން އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާކޮށް، އަދި އާންމު ދަތުރުފަތުރުކުރުމަށާއި އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ އަދި ފުލުހުންގެ ދައުރަށް ހުރަސް އަޅައި، އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށެވެ.
ފުލުހުންގެ ފަރާތުން ތުހުމަތު ކުރާ މީހުންނަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ މައްސަލަ ނިންމައި ދައުވާ ކުރަން ހުށަހަޅާފައިވާ ކަމަށެވެ.
އެ މުޒާހަރާގެ ތެރެއިން ދައުވާ ކުރަން ފޮނުވި ތިން މީހުން ވެސް ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. އޭގެ ފަހުން ބޮޑު ކަންނެލި މަސްވެރިން ކުރި މުޒާހަރާގެ ތެރެއިން ވެސް މައުރޫފް ހައްޔަރުކޮށްފައިވެއެވެ.

