
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ އައު އޮފީސް އިމާރާތް، އެ ކުންފުނީގެ އަހަރީ ދުވަސް، އަންނަ އެޕްރީލް މަހު 9ވަނަ ދުވަހު ހުޅުވަން ނިންމައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ނިޔާޒު ވިދާޅުވީ، ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ، އެ ކުންފުނީގެ އައު އޮފީސް އިމާރާތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ފިނިޝިންގެ މަސައްކަތްތައް ކަމަށެވެ. އަދި އިމާރާތުގެ ހުރިހާ މަސައްކަތެއް މާރިޗު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން ވިދާޅުވީ، މި އިމާރާތަކީ 11ފަންގިފިލާއަށް ތަރައްޤީކުރާ އިމާރާތެއް ކަމަށާއި މި އިމާރާތުގައި ކޮންފަރެންސް ހޯލަކާއި ފުރަތަމަ ފަންގިފިލާގައި ބިޒްނަސް ލައުންޖެއް ވެސް ހުންނާނެ ކަމަށެވެ. އަދި އިމާރާތުގެ އެހެން ފަންގިފިލާތައް ޚާއްޞަކޮށްފައި ވަނީ ވިޔަފާރިތަކާއި އޮފީސްތަކަށް ކަމަށް ވެސް އެމްޑީ ނިޔާޒު ވިދާޅުވިއެވެ.

