
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގައި ޚިޔާލު ތަފާތުވުން އެބައޮތް ކަމަށާއި އެމްޑީޕީ އޮތީ ވަކި މީހެއްގެ ފަހަތުގައި ނޫންކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވަޤުތީ ޗެއަރޕާސަން އަދި ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ، ޕާޓީ އެތެރޭގައި ފެށުނީއްސުރެ ޚިޔާލު ތަފާތުވުން އޮންނަ ކަމަށާއި އެމްޑީޕީ ކުރިއަށްދަނީ ޚިޔާލު ތަފާތުވުމާ އެކު ކަމަށެވެ. އަދި ވަކި ސިޔާސީ ލީޑަރެއްގެ ފަހަތުން މެންބަރުން ނުދުވުމަށާއި މެންބަރުން އެމްޑީޕީގައި ތިބުން އެއީ ޕާޓީއަށް އެންމެ ރަނގަޅު ގޮތްކަމަށް ޗެއަރޕާސަން ވިދާޅުވިއެވެ.
މީގެ އިތުރުން ޣަފޫރު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުގައި އެއް މެންބަރު އަނެއް މެންބަރާ އެކީގައި ކުރިއަށްދާން ދަތިތަކެއް އެބަހުރިއެވެ. ނަމަވެސް ޕާޓީ ބައިބައި ނުވާނެހެން އެންމެން އެއްކޮށް ތިބެގެން ކުރިއަށް ދިއުމަށް މަސައްކަތް ކުރުން އެދޭ ކަމަށް އަބްދުލްޣަފޫރު މޫސާ ވިދާޅުވިއެވެ.
އެމްޑީޕީގެ ވަގުތީ ޗެއަރޕާސަންގެ މަޤާމަށް ޣަފޫރު އިންތިޚާބުކުރީ ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުންނެވެ. އެ މަޤާމަށް ޣަފޫރު ހޮވުމަށް، ވޯޓުގައި ބައިވެރިވި 66 މެންބަރުނެވެ. އޭގެތެރެއިން 65 މެންބަރުންގެ ވޯޓު ލާފައިވަނީ ޣަފޫރު އެ މަޤާމަށް ހޮވުމަށެވެ.

