
އެމްޑީޕީގެ ޗެއާޕާސަން ކަމުން ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވައިފި އެވެ.
މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ ނިންމާލައްވަމުން ފައްޔާޒު ވަނީ އެ ކަން އިއުލާން ކުރައްވައިފަ އެވެ.
ފައްޔާޒުގެ އިސްތިއުފާ ސިޓީގެ ކޮޕީއެއް ވަނީ ‘ދެން’އަށް ވެސް ލިބިފަ އެވެ. އޭނާގެ އީސްތިއުފާގެ ސަބަބަކަށް އޮތީ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އާއި ޕާޓީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޕާޓީ ހިންގުމަށް އޮތް ހުރަހަކަށް އޭނާ ނުވުމެވެ.
އެމްޑީޕީގެ އިސްލާހީ ހަރަކާތުގެ އިސް ބައެއް ބޭފުޅުން މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ނުވުމަކީ ޕާޓީއަށް ޢިންތިހާބު ނާކާމިޔާބުވި އެންމެ ބޮޑު ސަބަބުގެ ގޮތުގައި ފައްޔާޒު ގަބޫލުކުރައްވާ ކަން އެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
އޭނާ އިޝާރާތްކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ވަފާތެރިންނަށެވެ.
ނަޝީދު އާއި ސޯލިހް އާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން ރިޔާސީ ޕްރައިމެރީގައި ސޯލިހްއާ ވާދަނުކުރައްވާ ގޮތަށް ރިޔާސީ އިންތިހާބުގެ ކުރިން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެއްބަސްވެވުނުކަން ފާހަގަކުރެއްވި އެވެ.
ނަމަވެސް ސޯލިހް ހިމެނޭހެން ސަރުކާރުގެ އިސް ބޭފުޅުން ފަހުން ކޮންމެ ވެސް ސަބަބަކާ ހުރެ ނަޝީދުގެ ހުށަހެޅުއްވުމަށް ކުރިއަށް ދާން ބޭނުން ނުވި ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
މަޖިލީހުގެ އިންތިހާބުގައި ވެސް އެމްޑީޕީ އާއި ޑިމޮކްރެޓްސް ކޯލިޝަން ހަދައިގެން ވާދަކުރުމަށް ފައްޔާޒު ހުށަހެޅުއްވި ނަމަވެސް އެ ކަމަށް ތާއީދު ނުލިބި އެ އިންތިހާބުގައި ވެސް ދެ ޕާޓީއަށް ވެސް ލިބުނު ނާކާމިޔާބީ ފައްޔާޒުގެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.

