
މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ސުޕަރ މެޖޯރިޓީ އޮތްއިރު އަދުލުއިންސާފުގެ ގަރާރު ފާސްކުރިނަމަ، މިއަދު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ކަންބޮޑުވާން ނުޖެހުނީސްކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.
އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުން ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭކަމަށް ފާހަގަކޮށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ގަރާރަށް ވާހަކަފުޅު ދައްކަވަމުން މެންބަރު ދީދީ ވިދާޅުވީ، އެމްޑީޕީ ވެރިކަމުގައި ކުރިކަމަކީ ކޯޓުތަކުގެ ފަނޑިޔާރުން ހިފާ ހައްޔަކުރުމާއި ކޯޓުތަކަށް ބިރުދެއްކުން އެކަނިކަމަށެވެ. އަދި މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުނު ނަމަވެސް މިފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި މެންބަރު މީކާއީލްއަށްވެސް އެ ފުރުސަތުތައް ލިބުނުކަމަށާއި، އޭރު އެކަންކަމަށް ވަކާލާތުކޮށްފައި ނުވާކަމަށް މެންބަރު ދީދީ ވިދާޅުވިއެވެ.
ތި ބޭފުޅުންގެ މެޖޯރިޓީ އޮތް ސަރުކާރެއްގައި މި ކަންކަން ކުރެއްވިނަމަ، މިއަދު މި ގަރާރުތަކާއި މި ކުއްލި މައްސަލަތައް މި ތަނަށް ހުށަހަޅައިގެން ބަހުސްކުރާކަށް ނުޖެހޭނެ.
ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ވިދާޅުވިއެވެ.
މީގެ އިތުރުން މެންބަރު ވިދާޅުވީ، މެންބަރު މީކާއީލް އޭރު ހުންނެވީ ފިލާކަމަށާއި އެއްވެސް ވަރަކަށް މަޖިލީހުގެ މެންބަރެއްގެ ޒިންމާ އަދާ ކުރައްވާފައި ނުވާކަމަށެވެ. އަދި އިދިކޮޅުން ފިތުނަ ފަސާދަކުރާކަމަށްބުނެ، މަޖިލީހުގެ ތަޅުމުގައި އޭރު ވެސް އެމްޑީޕީ މެންބަރުން އެއްބާރުލުން ނުދޭކަމަށް މެންބަރު ދީދީ ފާހަގަ ކުރެއްވިއެވެ.

