
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން އަބްދުލްޣަފޫރު މޫސާ (ގަޕޯ)ވަކިކުރަން ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ 55މެންބަރުން ސޮއިކޮށް، އޭނާގެ އިތުރުބާރު ނެތް ކަމަށް ޕެޓިޝަނެއް ހުށަހަޅާފައިވަނީ، މިދިޔަ ހޯމަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި އުފާފާޅުކުރުމުގެ ޖަލްސާގައި ރައީސް ނަޝީދު ވާހަކަ ދައްކަވަން ފުރުސަތު ނުދިން މައްސަލަ ހޫނުވެފައި ވަނިކޮށެވެ.
ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި އެ ޖަލްސާގައި ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނަށް ތާއީދުކުރާ ޕާޓީގެ މެންބަރުން ވަނީ އެޖަލްސާ ބޮއިކޮޓްކޮށްފައެވެ.
ގަޕޯ ވަކިކުރަން ހުށަހެޅި އެ ޕެޓިޝަނުގައި ވަނީ، ޕާޓީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނަވައި، އޭނާ ނިންމުންތައް ނިންމަވަނީ އެހެން ފަރާތަކުން އަންގާ ގޮތަށް ކަމަށެވެ.
އަދި ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކުއްލި ގޮތަށް ޕާޓީގެ ލީގަލް އެޑްވައިޒަރު އަހުމަދު މައުރޫފާއި ޑެޕިއުޓީ ޗެއާޕާސަން އިންރާހިމް ވަހީދު ވަކިކުރުންވެސް ބަލައިނުގަންނަ ކަމަށާއި، އެ ދެ ބޭފުޅުން ވަކިކޮށްފައިވަނީ އެއްވެސް ސަބަބެއް ނެތި ކަމަށްވެސް އެ ޕެޓިޝަނުގައިވެއެވެ.
ޕެޓިޝަނުގައި އިތުރަށް ވަނީ، ޕާޓީގެ ވަގުތީ ޗެއާޕާސަންގެ ހައިސިއްޔަތުން މެންބަރުންގެ މަސްލަހަތު ހިމާޔަތްކުރުމުގައި ގަޕީ ނުކުޅެދިފައިވާ ކަމަށެވެ. އަދި މިވަގުތު އެންމެ ރަނގަޅު ގޮތަކީ އޭނާ މަގާމުން ވަކިކުރުން ކަމަށެވެ.
ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވާހަކަދައްކަވަން ފުރުސަތު ނުދިން މައްސަލައިގައި ޕާޓީގެ އެތެރޭގެ މަސްލަހަތު ވަނީ ހޫނުވެފައެވެ.

