
ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ޗެއާޕާސަނަށް ލިބިދޭ ބާރުގެ ބޭނުންކުރައްވައި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ނައިބު ޗެއާޕާސަންގެ މަގާމުގައި ހުންނެވި އިބްރާހިމް ވަހީދު މިއަދު އެ މަގާމުން ދުރުކޮށްފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ސޮއިކުރައްވައި އިބްރާހިމް ވަހީދަށް ފޮނުއްވި ރަސްމީ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުން، އޭނާ މަގާމުން ވަކިކުރެއްވީ ޕާޓީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާއަށް ރިއާޔަތް ކުރެއްވުމަށްފަހުގައެވެ. އެ ގަވާއިދު ބުނާގޮތުން، ޗެއާޕާސަންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވުމަށްޓަކައި، ގައުމީ މަޖިލީހުގެ ރުހުމާ އެކު އިދާރީ އަދި މާލީ ނައިބުން އައްޔަނުކުރުމުގެ އިހުތިޔާރު ޗެއާޕާސަނަށް ލިބިގެންވެއެވެ. އަދި ހަމައެހެންމެ، އެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކިކޮށް، އެހެން ބޭފުޅުން އައްޔަނުކުރުމަކީ ވެސް ދައުރުގެ ތެރޭގައި ޗެއާޕާސަނަށް ކުރެއްވިދާނެ ކަމެކެވެ.
އެ ސިޓީގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ނައިބު ޗެއާޕާސަން މަގާމުން ވަކިކުރުމަށް ގައުމީ މަޖިލީހުގެ ރުހުން ހޯދަންޖެހޭނެ ކަމަށް އަސާސީ ގަވާއިދުގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާތީ، ޗެއާޕާސަންގެ އިހުތިޔާރުގެ ދަށުން ވަހީދު ވަކިކުރުމަށް ނިންމެވީއެވެ.
އިބްރާހިމް ވަހީދު މަގާމުން ދުރުކޮށްފައިވާއިރު، މީގެ ކުޑައިރުކޮޅެއް ކުރިން އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މަޢުރޫފް ވެސް ވަނީ އެ މަގާމުން ވަކިކުރައްވާފައެވެ.

