ރައީސް ޑރ. މުހައްމަދު މުޢިއްޒު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް ގަލޮޅު ސިލްވަރުގެއާގެ، އައިޝަތު އަސްނާ ހަމްދީ މިއަދު އައްޔަންކުރައްވައިފި އެވެ.
އަސްނާ އެ މަގާމަށް އައްޔަންކުރައްވާފައިވަނީ، އެމްއެމްއޭގެ ގަނޫނުގައި ބުނެފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން އޭނާއަށް ލިބިވަޑައިގަތުމުންނެވެ.
އެމްއެމްއޭގެ ގެ ތަފާތު މަގާމުތަކުގައި 17 އަހަރު ދުވަހު ހިދުމަތްކުރައްވާފައިވާ އަސްނާ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް ޢައްޔަންކުރެއްވިއިރު ހުންނެވީ އެ އިދާރާގެ މެނޭޖިންގް ޑިރެކްޓަރ- ފައިނޭންޝަލް ސެކްޓަރ ޑިވެލޮޕްމަންޓް ގެ މަގާމުގައެވެ.
2014 ވަނަ އަހަރު އަސްނާ ވަނީ ޔުނިވަރސިޓީ އޮފް ނޮޓިންގްހަމުން، ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ފައިނޭންސްގެ ދާއިރާއިން މާސްޓަރޒް ޑިގްރީ ހާސިލުކުރައްވާފަ އެވެ.
އޭގެ އިތުރުން، 2007 ވަނަ އަހަރު ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަނުން ބެޗެލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އޮނާސް)، 2005 ވަނަ އަހަރު އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވްސް އިން އެޑްވާންސްޑް ޑިޕްލޮމާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން، އަދި 2001 އިން 2003 އަށް، އިނިގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނުން، ޑިޕްލޯމާ އެންޑް ސެޓިފިކެޓް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ވެސް ހާސިލުކުރައްވާފައިވެ އެވެ.
އަސްނާ ވަނީ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގެ އެވޯޑު ޙާސިލުކުރައްވައި، ދިރާސީ ކަރުދާސްތައްވެސް ޝާއިއުކުރައްވާފަ އެވެ.