
އެއް ކޮޓަރީގެ ފްލެޓުތައް ދޫކުށްލާ ފަރާތްތަކަށް ރަނގަޅު ގޮތެއް ހޯދައިދޭން ވިސްނާވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު މިރޭ ވިދާޅުވީ ސަރުކާރުގެ ސްކީމުތަކުން ލިބިފައިވާ އެއް ކޮޓަރީގެ ފްލެޓްތަކުގެ ވާހަކަ ވަރަށް ގިނަ ރައްޔިތުން ދައްކަމުންދާ ކަމަށެވެ.
އަދި އެ ރައްޔިތުން ބޭނުންވަނީ އެއް ކޮޓަރީގެ ފްލެޓުތައް ދޫކޮށްލުމަށް ފަހު އެހެން ބޯހިޔާވަހިކަމުގެ ސްކީމަކަށް ކުރިމަތިލުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
“ސަރުކާރުން ހަމަ ތިކަމާ ހަަމަ ވަރަށް ސީރިއަސްކޮށް ވިސްނާނަން. އީޖާދީ ގޮތެއްގައި ޕޮޒިޓިވް ގޮތެއްގައި ރަނގަޅު ހައްލެއް ގެނެސްދޭން ސަރުކާރުގެ ތެރެއިން މިހާރު އެކަން ބަލަމުން މިދަނީ” ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކުރިއަށް ގެންދަން ނިންމާފައިވާ އެންމެ ބޮޑު މަޝްރޫއަކީ ރަސްމާލެ މަޝްރޫއެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސްގެން ރަސްމާލޭގެ ގޮތުގައި ތަރައްގީކުރަން ފުށިދިއްގަރުފަރު ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ތިން ގުނަ ހަލުވިވެސްކޮށްފަ އެވެ.
ރައީސް ކުރިން ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ މާޗު ހިސާބުގައި ރަސްމާލެ ހިއްކައި ނިމޭނެއެވެ.
އަދި އެ ތަނުން ޖުމްލަ 25،000 ގޯތި ދޭނެ ކަމަށާއި އަދި މި ދައުރުގެ ތެރޭގައި އެ ތަނުގެ އިންފްރާސްޓްރަކްޗާގެ މަސައްކަތް ވެސް ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫއުއާ އެކު މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ދާއިމީ ހައްްލެއް ލިބޭނެއެެވެ.

