
އެއްމެދު އިމާރާތުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ “އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ހިންގުމުގެ ގަވާއިދު”ގައި ބަޔަންކޮށްފައިވާ ގޮތުގެ މަތިން، އެއްމެދު އިމާތާތްތައް ހިންގައި ބެލެހެއްޓުމަށްޓަކައި މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިއެވެ.
އެގޮތުން، ހުޅުމާލޭގައި އިމާރާތްކޮށްފައިވާ އެކިއެކި އެއްމެދު އިމާރާތްތައް (ސްޓްރާތައް)ބެހިފައިވާ ގޮތުގެ މަތިން، ވިނަރެސް ފްލެޓުތައް ހިމެނޭ ސްޓްރާޓާ އެކެއް، ދޭއް އަދި ތިނެއްގެ ފުރަތަމަ އަހަރީ އާންމު ޖަލްސާތައް މި މަހުގެ 26، 27އަދި 28ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ އެ އަހަރީ އާންމު ޖަލްސާތަކުގެ ބޭނުމަކީ، ވިނަރެސްގެ އެއްމެދު އިމާރާތްތަކުގެ ކަންކަން ބެލެހެއްޓުން ފަސޭހަ ކުރުމަށްޓަކައި، މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައި އެ ކޯޕަރޭޝަންތައް ހިންގާނެ ކައުންސިލެއް އިންތިހާބުކުރުން ކަމަށެވެ، އަދި އަހަރީ އާންމު ޖަލްސާގައި އިންތިހާބުކުރެވޭ މެނޭޖްމަންޓް ކޯޕަރޭޝަންގެ ކައުންސިލާ، އެ ސްޓްރާޓާއެއްގައި ހިމެނޭ އިމާރާތްތައް ބެލެހެއްޓުމުގެ ޒިންމާތައް ހަވާލުކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކޮންމެ ސްޓްރާޓާއެއް ވަކިން އިންތިހާބުކުރާ މި ކައުންސިލްގައި ހިމެނޭނީ ކައުންސިލްގެ ރައީސް، ހަޒާންދާރު، ސެކްރެޓަރީ އަދި އެއް އާންމު މެންބަރެވެ.
އެގޮތުން ބާއްވާ ފުރަތަމަ އަހަރީ އާންމު ޖަލްސާގައި އެ އިމާރާތުގައި ހިމެނޭ ޔުނިޓުތަކުގެ ވެރިންގެ އިތުރުން، އެޗްޑީސީ އަދި ހައުސިންގ މިނިސްޓްރީގެ ބޭފުޅުން ބައިވެރިވާނެއެވެ. ފުރަތަމަ އަހަރީ ޖަލްސާއަށްފަހު، ކޮންމެ އަހަރަކު އެއްފަހަރު ޖަލްސާ ބޭއްވުމަށް ގާނޫނުން ލާޒިމްކުރެއެވެ. އަދި އެ ސްޓްރާޓާއެއްގެ މެނޭޖްމަންޓް ކޯޕަރޭޝަން ކައުންސިލް އިންތިހާބުވުމަށްފަހު ޖެހިގެން އަންނަ އަހަރުތަކުގައި އަހަރީ އާންމު ޖަލްސާ ބޭއްވުމަކީ އިންތިހާބުވާ ކައުންސިލްގެ ޒިންމާއެކެވެ.

