
އެއްނަންބަރު ޖެޓީގައި އުޅަނދުތަކަށް އޮވެވޭނީ ގިނަ ވެގެން 10 ދުވަހަށް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
މާލެ ނޯތު ހާބަރު އޮޕަރޭޝަންސް ޔުނިޓުގެ ހެޑް ޖިޔާމް ސަޢީދު ވިދާޅުވީ، އުޅަނދަކަށް އެއް ނަންބަރު ޖެޓީގެ އެއްގަމު ތޮށީގައި އޮވެވޭނީ ގިނަވެެގެން 10 ދުވަހަށް ކަމަށާއި އެއަށް ފަހު އުޅަނދު ދުރުކޮށް އެހެން އުޅަނދުތަކަށް ފުރުސަތު ދޭންވާނެ ކަމަށެވެ. އަދި ދެން އެ އުޅަނދަށް އަނެއްކާ އެއްގަމު ތޮއްޓާއި ކައިރި ކުރެވޭނީ ކިއުގައި ޖެހިގެން ކަމަށް ޖިޔާމް ވިދާޅުވިއެވެ.
“އޭރު އަޅުގަނޑުމެން ނަގަމުން ދިޔަ 50 ލާރީގެ ފީ، މި ކޮޅަށް ބަދަލުވުމުން ވަނީ ހިލޭ ޚިދުމަތް ދޭ ގޮތަށް ބަދަލުކޮށްފައި. އެއް ނަންބަރު ޖެޓީގައި ތޮއްޓާއި ގާތްކޮށްފަ އޮވެވޭނީ 10 ދުވަސް ވަންދެން އެންމެ ގިނަވެގެން. އެއަށް ފަހު ދުރު ކުރުމަށް ފަހު ކިއުގައި ނޯޓު ކުރުމަށް ފަހު ކިއުގަ ޖެހުނީމަ އަނެއްކާ ވެސް ކީވޯލްއާ ކައިރި ކުރެވޭނީ”. ޖިޔާމް ސަޢީދު ވިދާޅުވިއެވެ.
މާލެ އުތުރުފަރާތުން ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާތީ، އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް އެމްއެމްއޭ ކުރިމައްޗަށް ވަނީ ވަގުތީގޮތުން ބަދަލުކޮށްފައެވެ. އަދި އެ އުޅަނދުތަކަށް ވަކި ޚާއްޞަ ސަރަހައްދެއް ވެސް ވަނީ އެމްޕީއެލްއިން ކަނޑައަޅާފައެވެ.

