
އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ކަމުގައިވާ “ގަން އެއަރ ސްޓޭޝަން” ގާއިމުކޮށް ޚިދުމަތް ފެށުން، ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިފުތިތާހުކޮށްދެއްވައިފި އެވެ.
އެކަމަށް ޓަކައި، ސ. ގަން އެއާ ސްޓޭޝަންގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ރައީސް މުއިއްޒު ވަނީ، “ގަން އެއާ ސްޓޭޝަން” ގެ ނަން ބޯޑު ކަޝްފުކޮށްދެއްވައިފަ އެވެ.
ގަން އެއާ ސްޓޭޝަންގައި ޑިޕްލޯއީކުރި އެއާ ސްކޮޑްރަންގެ ޕެނަންޓް، އެ ސްކޮޑްރަންގެ ކޮމާންޑަރު، އަދި މޭޖާ ހަސަން ދީދީއާ ހަވާލުކޮށްދެއްވާފައިވެ އެވެ.
އެމްއެންޑީއެފް އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމްކުރުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތީ ބާރު ދަމަހައްޓަވައި ނެގެހެއްޓެވުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރުގައި ހާސިލުކުރެވޭ މުހިންމު އެއް ލަނޑުދަނޑި ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
އެ މަނިކުފާނުގެ ގައުމީ ތަސައްވުރާ އެއް ގޮތަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި މި އެއާ ސްޓޭޝަން ގާއިމުކުރެވިގެން މި ދިޔައީ ރާއްޖޭގެ މުޅި ދެކުނުގެ ސަރަޙައްދަށް ނިސްބަތްވާ އިސްތިރާޖީ ގޮތުން މުހިންމު، އަދި ރާއްޖޭގެ ދިފާޢީ ވަރުގަދަ ބުރުޒެއްގެ ގޮތުގައި ކަމަށެވެ.

