ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޑިޕާޗާ ޓާމިނަލުން ގަވާއިދާ ހިލާފަށް ސިނގިރޭޓު ކާޓަންތަކެއް ނެރެން އުޅުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
ވީއައިއޭއިން ވަގަށް ސިނގިރޭޓު ކާޓަންތަކެއް ނެރެން އުޅުނު މައްސަލައެއް ބަލަމުންދާކަން މޯލްޑިވްސް ކަސްޓަމްސްއިން ހާމަކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރެ އެވެ.
ކަމުގެ ތަފުސީލުތައް ހާމަނުކޮށް ކަސްޓަމްސްއިން ބުނެފައި ވަނީ އެ ތަކެތި އަތުލައިގަތީ އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ބޭގްތަކެއް އެ އިދާރާއިން ޗެކްކުރިއިރު ފެނިގެން ކަމަށެވެ.
ކަސްޓަމްސްއިން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ރޭ ދެ މީހަކު ހައްޔަރު ކުރި އެވެ. އެހެންނަމަވެސް ކޯޓުން ވަނީ ޝަރުތުތަކާ އެކު އިއްޔެ އެ މީހުން ދޫކޮށްލާފަ އެވެ.
އެ މައްސަލަ އާ ގުޅިގެން ހައްޔަރުކުރީ:
- މ. ސިލްވަނެސްޓް، އަހްމަދު އަފްސަލް (45އ)
- ދަފުތަރު. ނަމްބަރު ރސ 14358، ޔޫސުފް ނަޒީރު (38އ)
އޭގެ ތެރެއިން ނަޒީރަކީ އެއާޕޯޓުގައި ޑިއުޓީ އަދާކުރަމުންދާ ފުލުހުންގެ ސާޖެންޓެކެވެ. އިއްޔެއިން ފެށިގެން މުސާރަ ނުލިބޭ ގޮތަށް އޭނާ ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފަ އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހު ހަވީރު 3:55 ހާއިރު ވީއައިއޭ ޑިއުޓީ ފްރީއިން ގަވާއިދާ ހިލާފަށް ސިނގިރޭޓު ބޭރުކުރަން އުޅުނު މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރީ:
- ނ. ވެލިދޫ، ގަސްކަރަ، މުހައްމަދު އައިހަމް (23އ)
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޑަސްބިން ބޭގުތަކުން ފެނުނު ކާޓަންތަކުގެ އަދަދެއް އިދާރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުންނާއި ކަސްޓަމްސްއިން ވެސް ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.