ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިޕާޗާ ޓާމިނަލުން ޑަސްބިން ބޭގުތަކަށް ސިނގިރޭޓު ކާޓޫންތަކެއް އަޅައިގެން ނެރެން އުޅުނު ފުލުސް މީހާ ވަޒީފާއިން ސަސްޕެންޑްކޮށްފި އެވެ.
ފުލުހުން މިރޭ ބުނި ގޮތުގައި ސާޖިއަންޓް ޔޫސުފް ނަޒީރު މިއަދުން ފެށިގެން ވަޒީފާއިން ސަސްޕެންޑްކޮށްފައިވަނީ މުސާރަ ނުލިބޭ ގޮތަށެވެ. ނަޒީރަކީ އެއާޕޯޓްގައި ޑިއުޓީ އަދާކުރާ ފުލުހެކެވެ.
އިއްޔެގެ ހެނދުނު 6:20 ހާއިރު ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓު ރާއްޖެ އެތެރެކުރަން މަސައްކަތްކުރި މައްސަލައިގެ ތުހުމަތުގައި ނަޒީރުގެ އިތުރުން އަދި އެކަކު ހައްޔަރުކުރި އެވެ.
ދެ މީހުން ވެސް ފަހުން ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ.
އެ މައްސަލަ އާ ގުޅިގެން ހައްޔަރުކުރީ:
- މ. ސިލްވަނެސްޓް، އަހްމަދު އަފްސަލް (45އ)
- ދަފުތަރު. ނަމްބަރު ރސ 14358، ޔޫސުފް ނަޒީރު (38އ)
ޑަސްބިން ބޭގުތަކުން ފެނުނު ކާޓަންތަކުގެ އަދަދެއް އިދާރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުންނާއި ކަސްޓަމްސް ވެސް ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.