
ސަރުކާރުން އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސަކީ ދިގު މުއްދަތަކަށް ކުރެވޭ އިންވެސްޓްމެންޓެއް ކަމަށް ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް މީގެކުރިން ލިބުނީ ކުއްޖަކަށް 1000ރ. އެވެ. މި ސަރުކާރުން މިހާރު ވަނީ އެ އަދަދު ކުއްޖަކަށް 3000ރ. ލިބޭގޮތަށް ބޮޑުކޮށްފައެވެ. އެގޮތުން ކުއްޖަކަށް 3000ރ. ލިބޭއިރު އެންމެ ގިނަވެގެން މަހަކު ލިބޭ އަދަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 12،000ރ. އެވެ. އަދި، އަހަރަކު އެކަކަށް އެންމެ ގިނަވެގެން ދެވޭނީ 144،000ރ. އެވެ. އަދި އެ އުސޫލަށް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ގެނެސްދެއްވާ “ތަރުޖަމާނާ އެކު” އެޕިސޯޑް 3 ގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު މިއަދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުންތަކަކީ، މުސްތަގްބަލަށް މުޖުތަމައު އަމާންކުރުމަށްޓަކައި ނިންމަވާ ނިންމެވުންތަކެއް ކަމަށެވެ.
އަދި އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސްއަކީ ދިގު މުއްދަތަކަށް ކުރެވޭ އިންވެސްޓްމެންޓެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން އެ އެލަވަންސްގެ އަދަދު ބޮޑުކޮށް، އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ފެށުމާއެކު، އޭގެ ފައިދާ ކުރިއަށް އޮތް ތިން އަހަރު ވެސް ފެނިގެންދާނެ ކަމުގައިވެސް ވަޒީރު ވަނީ ވާހަކަފުޅުގައި ފާހަގަކުރައްވާފައެވެ.
ސަރުކާރުން ފޯރުކޮށްދޭ މާލީ އެހީތެރިކަމާއެކު އުއްމީދަކީ އާއިލާތަކުގެ ނިކަމެތިކަން ނައްތާލައި ކުރިމަގަށް އާއިލާތައް ބިނާކުރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

