
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު “އެންމެންނަށް ބޯހިޔާވަހިކަން” ލޯންޗުކޮށް، ފްލެޓާއި ގޯތި ދޭނެ އުސޫލު އާންމުކޮށްފި އެވެ.
މިރޭ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި ސިޔާސަތު ލޯންޗުކޮށްދެއްވީ ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުالله މުއްތޮލިބެވެ.
މި އުސޫލުގެ ދަށުން މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރުމުގެ އުސޫލާއެކު ފްލެޓް ދޫކުރުމުގެ އުސޫލާއި، ގޯތި ދޫކުރުމުގެ ސްކީމާއި އޭގެ އުސޫލު ވެސް އާންމުކޮށްފައިވެ އެވެ. މައިގަނޑު ހަތަރު ކެޓެގަރީއަކަށް ބަހާލައިގެން މި އުސޫލުން ފުރުސަތު ލިބޭނެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ؛
- މާލީ ގޮތުން ފުދުންތެރި ފަރާތްތަކަށް ވިޔަފާރި އުސޫލުން ހައުސިން ޔުނިޓާއި ގޯތި ގަތުމުގެ މަގުފަހި ކުރުމަށް ފުރުސަތު ދިނުން
- މެދުފަންތީގެ އާއިލާތަކަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެފޯޑަބަލް ހައުސިންއަށް ހާއްސަކޮށްގެން ޕްރޮޖެކްޓްތައް ހިންގުން
- އަމިއްލަ ބޯހިޔާވަހިކަމެއް ގަތުމުގެ ތަމަވަސްކަން ނެތް ފަރާތްތަކަށް ‘ރެންޓް ޓު އޯން މޮޑެލް’ ގައި ބޯހިޔާވަހިކަން ދިނުން
- ފަގީރު ހާލަތުގައި ދިރިއުޅޭނެ ތަނެއް ނެތް އާއިލާތަކަށް ސަރުކާރުން ހަދާ އެސެސްމެންޓަށްފަހު ބޯހިޔާވަހިކަން ދިނުން
މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓް ދޫކުރުގެ އުސޫލުގައި ދެ ކެޓެގަރީއެއް ހިމެނެ އެވެ. އެއީ މާލޭގެ ރަށްވެހިންގެ ކެޓަގަރީ އާއި މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންގެ ކެޓެގަރީ އެވެ. ފްލެޓް ދޫކުރާ ދެ މޮޑެލްއަކީ ‘އެފޯޑަބަލް ހޯމް އޯނާޝިޕް’ މޮޑެލް އާއި ‘ރެންޓް-ޓު-އޯން’ މޮޑެލް އެވެ.
ގޯތި ދޫކުރުމުގެ ޝަރުތުތަކުގެ ތެރޭގައި، 400 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ބައެއް ލިބިފައި ނުވުމާއި، 400 އަކަފޫޓަށްވުރެ ކުޑަ ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިވާކަމަށް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވުން ހިމެނެ އެވެ.
މި އުސޫލުގެ ދަށުން މާލޭގެ ރަށްވެހިންނަށް ގޯތި ލިބޭނީ ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. މިއީ މާލެ ރަޖިސްޓްރީގައި ފެށުނީއްސުރެ އުޅެމުންދާ ފަރާތްތަކަށާއި މާލޭގެ ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކަށާއި ފަހުން މާލޭގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް ހިމެނެ އެވެ.

