ދުންފަތް ވިއްކުމުގެ ހުއްދަ ދީފައިވާ ތަންތަނުން އެފަދަ ބާވަތްތައް ވިއްކާއިރު، އެ އެއްޗެއް ގަންނަ ފަރާތުގެ އުމުރު ޔަގީން ނުވާ ނަމަ ރަސްމީ ލިޔުމެއް ދެއްކުމަށް އަންގައި، އެ ލިޔުމަށް ބެލުމަށް ފަހުގައި ނޫން ގޮތަކަށް ދުންފަތުގެ ބާވަތެއް ނުވިއްކޭ ގޮތަށް ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަ ބިލު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފި އެވެ.
ދިވެހި މުޖުތަމައު ދުންފަތާ ދުރުކުރުމަށް، ހާއްސަކޮށް ދުންފަތުގެ އިސްތިއުމާލު ކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް “ޖެނެރޭޝަން ބޭން” ގެ ގޮތުގައި ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ މިދިޔަ މާޗު މަހުގެ ފަހުކޮޅުގަ އެވެ.
އެކަމާ ގުޅޭގޮތުން ހިޔާލު ހޯދުމަށް ހުޅުވާލުމުން ގިނަ ބަޔަކު ވޯޓު ދިނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ފަރާތްތަކަށް ދުންފަތް މަނާ ކުރުމަަށެވެ. އެހެންނަމަވެސް އެ ސިޔާސަތު އެކުލަވާލުމަށް ހެލްތު މިނިސްޓްރީން ދިރާސާކޮށް ހުށަހެޅި ކަރުދާހަށް މަޝްވަރާކުރުމަށް ފަހުގައި ކެބިނެޓުން ނިންމާފައި ވަނީ 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު އުފަންވި އަދި އުފަންވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާ އަދި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކުރުމަށެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަލީ އަޝްރަގެވެ. މިއަދުގެ ޖަލްސާގައި ވަނީ ބިލުގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ.
ބިލުގައި ވަނީ 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު އުފަންވި އަދި އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ނުވަތަ އުފެއްދުމެއް އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށް ބުނެފަ އެވެ.
ދުންފަތުގެ ބާވަތެއް ނުވަތަ އުފެއްދުމެއް އެ ތާރީހުގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ މީހުންނަށާއި އުމުރުން 21 އަހަރު ނުވާ މީހުންނަށް ވިއްކުން ވަނީ މަނާކޮށްފަ އެވެ. އަދި ދުންފަތުގެ ބާވަތެއް ނުވަތަ އުފެއްދުމެއް ވިއްކުމުގެ މުއާމަލާތެއްގައި ވެސް އެ އުމުރުފުރައިގެ މީހަކު ބައިވެރިކޮށްގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.
ބިލުގައި ބުނި ގޮތުގައި ދުންފަތް ވިއްކޭނީ ގާނޫނުގެ ދަށުން ދޫކުރާ ލައިސެންސެއް އޮންނަ ފަރާތްތަކަށް ކަމަށާ އަދި ރަޖިސްޓްރީކޮށްފައިވާ ތަނަކުން ނޫން ގޮތަކަށް ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް ނުވިއްކޭނެ ކަމުގަ އެވެ. އަދި ދުންފަތުގެ ބާވަތެއް ނުވަތަ އުފެއްދުމެއް ގަންނަނީ ކާކުކަން ނޭނގޭ ފަދަ ގޮތަކަށް ވެންޑިން މެޝިނަކުން ނުވަތަ ޕޯސްޓުގެ ޒަރީއާއިން ނުވަތަ އޮންލައިންކޮށް، ނުވަތަ އެ ނޫން ވެސް އަމިއްލައަށް ލިބިގަންނަ ހިދުމަތަކަށްވާ ގޮތަކަށް އެއިން އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް ވިއްކައިގެން ނުވާނެ ކަމަށާއި ވިއްކަން ބަހައްޓައިގެން ވެސް ނުވާނެ ކަމުގަ އެވެ.
ދުންފަތް ވިއްކުމުގެ ހުއްދަ ދީފައިވާ ތަންތަނުން ދުންފަތުގެ ބާވަތެއް ނުވަތަ އުފެއްދުމެއް ވިއްކާއިރު، އެ އެއްޗެއް ގަންނަ މީހާގެ އުމުރު ޔަގީން ކުރުމަކީ އެ އެއްޗެއް ވިއްކާ ފަރާތުގެ ޒިންމާއެއް ކަމުގަ އެވެ. ގަންނަ ފަރާތަކީ ދުންފަތް މަނާ އުމުރުފުރައިގެ މީހެއް ކަމަށް ބެލެވޭ ނަމަ، އެ މީހެއްގެ އައިޑީކާޑު ނުވަތަ އުމުރު އަންގައިދޭ ރަސްމީ ލިޔުމެއް ދެއްކުމަށް އަންގައި، އެ ލިޔުން ދެއްކުމުން ނޫނީ އެ މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
ދުންފަތުގެ ވިޔަފާރިކުރާ ތަންތަނުގައި ދުންފަތް މަނާ އުމުރުފުރައިގެ މީހުންނަށް އެފަދަ ތަކެތި ވިއްކުމަކީ މަނާ ކަމެއް ކަމުގައި އަންގައިދޭ އިންޒާރެއް އާންމުންނަށް ފެންނާނެހެން ބަހައްޓަން ޖެހެ އެވެ.
ކެބިނެޓުން ނިންމާފައިވާ ގޮތަށް ބިލުގައި ވަނީ އަންނަ ނޮވެމްބަރު މަހުން ފެށިގެން ޖެނެރޭޝަން ބޭން ތަންފީޒުކުރަން ފެށުމަށް ހިމަނާފަ އެވެ.