
އެމްޑީޕީގެ އިސް ބޭފުޅުންތަކެއް ވަކިވެ އުފެއްދި ޑިމޮކްރެޓްސް ޕާޓީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައިފިއެވެ.
އެމްޑީޕީއާ އުފެދުނު ކޯޅުމުގެ ތެރެއިން އެ ޕާޓީގެ އިސް މެމްބަރުންތަކެއް ޑިމޮކްރެޓްސް ޕާޓީ އޮފެއްދީ 2023 ވަނަ އަހަރުއެވެ. ނަމަވެސް ކުރިއަށް އޮތް ކައުންސިލް އިންތިހާބާ ދިމާކޮށް ވަރުގަދަ އިދިކޮޅު އިއްތިހާދެއް އުފައްދުމަށްކަމަށް ބުނެ މިދިޔަ ޖޫން މަހު ޑިމޮކްރެޓްސްއިން އޮތީ އެ ޕާޓީ އުވާލައި އެމްޑީޕީއާ ގުޅެން ގަރާރެއް ފާސްކޮށްފައެވެ. އަދި ކައުންސިލް އިންތިހާބަށް އެމްޑީޕީން ބޭއްވި ޕްރައިމަރީގައި ޑިމޮކްރެޓްސްގައި ކުރިން އުޅުއްވި ބޭފުޅުން ވާދަވެސް ކުރެއްވިއެވެ. ނަމަވެސް ޑިމޮކްރެޓްސްގައި އުޅުއްވި ބޭފުޅުންނަށް ޕްރައިމަރީގައި ކުރިމަތިވީ ނާކާމިޔާބީއާއެވެ.
އެ ނާކާމިޔާބީއާ ކުރިމަތިވެފައި ވަނިކޮށް ޑިމޮކްރެޓްސްއިން މިރޭ ނެރުނު ބަޔާނުގައި ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި އެ ޕާޓީ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް ހުޅުވާލައިފައިވާ އިރު އިންތިހާބަށް ކުރިމަތިލެވޭނީ ޑިޖިޓަލްކޮށް އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށެވެ.

