އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ތަޖުރިބާތައް ކުރިއެރުވުމުގައި އަބަދުވެސް އިސްކޮށް ހަރަކާތްތެރިވާ ކުންފުންޏެކެވެ. އޫރީދޫއަކީ ރާއްޖޭގެ ޓެލެކޮމް ލޭންޑްސްކޭޕްގެ ޕޭސްމޭކަރެވެ.
3ޖީ، 4ޖީ އަދި 5ޖީ އެއާފައިބަ ބްރޯޑްބޭންޑް ރާއްޖެއަށް ތައާރަފުކުރި ފުރަތަމަ ކުންފުނި އަދި ސަބްމެރިން ކޭބަލް މެދުވެރިކޮށް މުޅި ރާއްޖެ 4ޖީ+ ނެޓްވޯކާ ގުޅާލީ ވެސް އުރީދޫންނެވެ. އިނޮވޭޝަން ވަނީ އުރީދޫގެ ޑީ.އެން.އޭ އާ ގުޅިލާމެހިފަ އެވެ.
ހުޅުމާލޭގައި އެ ކުންފުނީގެ ޓިއަ 3 ޑޭޓާ ސެންޓަރާއި ކުޅުދުއްފުށި ސިޓީގައި ރީޖަނަލް ޑޭޓާ ސެންޓަރެއް ގާއިމުކުރެވި، ޑިޖިޓަލް ދުނިޔޭގައި ރާއްޖެ ކުރިއަށްދިއުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ. ރާއްޖޭގެ ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވުމުގެ ގޮތުން އުރީދޫ ނޭޝަން ތައާރަފުކުރި އެވެ. ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް ޓަކައި އެންމެފަހުގެ ޓެކްނޮލޮޖީ އާއި ޕްރޮޑަކްޓްތައް ގެނެސް، މުޖުތަމައުގައި އިންވެސްޓްކުރުމަށް އުރީދޫން އަބަދުވެސް މަސައްކަތްކުރެ އެވެ.
އުރީދޫގެ 20 އަހަރުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަސްޓަމަރުންނަށް ހާއްސަ ބައެއް ކަންކަން ކޮށްދިނުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.
ލިވް އަންލިމިޓެޑް:
“ލިވް އަންލިމިޓެޑް ވިތު އުރީދޫ” އަކީ ހަމައެކަނި ސްލޯގަންއެއް ނޫނެވެ. އެއީ ވައުދެކެވެ. ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް ތިމާގެ ލޯބިވާ މީހުންނާއި ތިމާގެ ޝައުގުވެރިކަމާ އަދި ބޭރު ދުނިޔެ އާ ގުޅިފައި ހުންނާނެ ކަމުގެ ވައުދެކެވެ. އެންމެ މަގުބޫލު ޝޯތައް ސްޓްރީމްކޮށް، ގޭމްކުޅެ، ކިޔެވުމާއި މަސައްކަތުގެ މާހައުލުގައި ކުރަން ޖެހޭ ކަންކަން ކުރުމަށް ލިމިޓަކާއި ނުލާ ކަނެކްޓިވިޓީ އުރީދޫން ފޯރުކޮށްދޭނެ އެވެ.
އުރީދޫގެ 20 އަހަރުގެ މުނާސަބަތުގައި ކޮންމެ 20 ދުވަހަކުން 1 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އުރީދޫން ފާހަގަކުރެ އެވެ. ޖުމްލަ 19 އުމްރާ ދަތުރުދޭއިރު، ލަކީޑްރޯއެއް މެދުވެރިކޮށް 2 މީހަކަށް ހައްޖު ދަތުރެއް ބޮޑު އިނާމުގެ ގޮތުގައި ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.
އެޕަލް ވެއާބަލްސް
އެޕަލް ވޮޗް ސީރީޒް 10 އަދި އެޕަލް ވޮޗް އަލްޓްރާއަށް އުރީދޫ އީސިމްގެ ހިދުމަތް ފޯރުކޮށްދޭ އެޕަލް ވޮޗް ސެލިއުލާ ސާވިސް ފޯރުކޮށްދިނުމަކީ އުރީދޫ މޯލްޑިވްސްއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައި ފާހަގަކުރެ އެވެ. މިއީ ރާއްޖޭގައި މިފަދަ ހިދުމަތެއް ދެވޭ ފުރަތަމަ ފަހަރެވެ. ރާއްޖެއަކީ އުރީދޫ ގްރޫޕުގެ ފަރާތުން މި ސާވިސް ފޯރުކޮށްދެވޭ 3 ވަނަ ގައުމެވެ.
މި ހިދުމަތް ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް ހިލޭ ލިބޭނެ ކަމަށާއި އެއަށް ފަހު މަހަކު 199 ރުފިޔާއަށް ހިދުމަތް ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ. މި ހިދުމަތުގެ ސަބަބުން ފޯނު ބޭނުން ނުކޮށް، ސީދާ އެޕަލް ވޮޗުން ގުޅާލެވޭނެ އެވެ.
ސްމާޓާ ހޯމް
ސުޕަނެޓް ކަނެކްޝަންތަކާ އެކު ކަސްޓަމަރުންނަށް މިހާރު ބަންޑަލްޑް އޮފާއެއްގެ ދަށުން، ސެކިއުރިޓީ ކެމެރާއަކާއި ސްމާޓް ޑޯބެލް ފަދަ ޒަރޫރީ ސްމާޓް ހޯމް ޑިވައިސްތައް ހިމަނައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ގޭބިސީތަކަށް ލުއިފަސޭހަކަމާއި ސަލާމަތާއި ހިތްހަމަޖެހުން ގެނެސްދެ އެވެ.
ސްމާޓާ ހޯމް އިނީޝިއޭޓިވްއަކީ ސީމްލެސް ބްރޯޑްބޭންޑް ކަނެކްޓިވިޓީގެ ބާރުން ސްމާޓް ޑިވައިސްތައް ބޭނުންކޮށްގެން އާންމު ދިރިއުޅުމަށް ފަސޭހަކަމާއި ރައްކާތެރިކަން ގެނައުމަށް ލޯންޗުކުރެވުނު ޕްރޮޑަކްޓެކެވެ. ކުރިއަށް އޮތް ތަނުގައި އުރީދޫގެ ޕޯޓްފޯލިއޯއަށް އާ ސްމާޓް ޑިވައިސްތައް އިތުރުވެގެންދާނެ އެވެ.
ފަން ރަން
ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް އުރީދޫ ފަން ރަން، 2 ރަށެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މިދިޔަ ޑިސެމްބަރު މަހު ހުޅުމާލޭގައި ފަން ރަން ބާއްވާއިރު، މި އަހަރުގެ އަތޮޅު އެޑިޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ 27 ވަނަ ދުވަހު އައްޑޫ ސިޓީގަ އެވެ.
މަސްރޭސް
މި އަހަރު ވެސް 3 ތަނެއްގައި މަސްރޭސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މާލެ އަތޮޅާއި ރާއްޖޭގެ ދެކުނު އަދި އުތުރުގެ ރަށެއްގައި އޮގަސްޓް މަހު މަސްރޭސް ބޭއްވިގެންދާނެ އެވެ.
މަސްރޭސް ބޭއްވުމަށް އެކި ރަށްރަށުން އުރީދޫއަށް ވަރަށް ގިނަ ރިކުއެސްޓްތައް ލިބެމުންދާތީ، އުތުރާއި ދެކުނުގެ ރަށު ކައުންސިލްތަކަށް މަސްރޭސް އެ ރަށްރަށުގައި ބޭއްވުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ އެވެ.
އާ އެމްބެސެޑަރު
އުރީދޫއަކީ ދިވެހި ހުނަރުވެރިންނާއި މުޖުތަމައަށް އިންވެސްޓްކުރުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ. މާޒިޔާ އާއެކު ހަދާފައިވާ ޕާޓްނާޝިޕެއްގެ ދަށުން ފުޓްބޯޅައަށް އިންވެސްޓްކުރަމުންދާއިރު، ހަބޭސް ބޮޑުބެރުގެ ޕާޓްނާޝިޕާ އެކު ކަލްޗާއަށް އެ ކުންފުނިން ދަނީ އިންވެސްޓްކުރަމުންނެވެ.
މި އަހަރު އާ ސަފީރަކު އައްޔަންކޮށް، މަސްވެރިކަމުގެ ދާއިރާއަށް އުރީދޫން ވެފައިވާ ވައުދު އަލުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެ ކުންފުނީގެ އާ ސަފީރަކީ އާދަމް ރަޝީދު ނުވަތަ ސޯޝަލް މީޑިއާގައި މަޝްހޫރު، އޭނާގެ ޗެނަލް ނަން “ދަ ލައިފް އޮފް އަ ފިޝަމޭން” އެވެ. ފަރެސްމާތޮޑާގެ ޕޯލް އެންޑް ލައިން މަސްވެރިއެއްގެ ގޮތުގައި އޭނާގެ ދަތުރާއި އެޑްވެންޗާތައް އާދަމް ރަޝީދު ސޯޝަލް މީޑިއާގައި ހިއްސާކުރެ އެވެ. އުރީދޫ އާއިލާއަށް ރާޝިދަށް މަރުހަބާ ކިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.
އުރީދޫން އަބަދުވެސް ގަބޫލުކުރަނީ އާ ކަންކަން ކޮށް، އިންޑަސްޓްރީއަށާއި މުޖުތަމައަށް ފައިދާވާ ގިނަ ކަންތައްތައް ކުރުމަށެވެ. އެގޮތުން މިހާރު މަސައްކަތް ކުރަމުން ދަނީ، ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖެ އާއި ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ހާއްސަ ޕްރޮޖެކްޓެއްގެ މަސައްކަތެވެ.
ވިހި އަހަރަކީ ކުޑަ ދުވަސްކޮޅަކަށް ވިނަމަވެސް، އުރީދޫން ބުނީ އެ ކުންފުނީގެ މުވައްޒަފުންނާއި މެނޭޖްމަންޓުގެ ބުރަ މަސައްކަތުން ގިނަ ކާމިޔާބީތަކެއް ހާސިލުކޮށް، ދުނިޔޭގެ ފެންވަރުގެ ހިދުމަތްތައް ރާއްޖެއަށް ގެންނަމުންދާ ކަމަށެވެ.
ފާހަގަކުރީ މި އަހަރު އަންނަ ބައެއް ކަންތައްތައް ކަމަށް ވިނަމަވެސް، މުޅި އަހަރަށް އަދިވެސް އިތުރު ސަޕްރައިޒްތަކެއް އަންނަން އެބަހުރި ކަމަށް އުރީދޫން ބުނެ އެވެ.
އުރީދޫ މޯލްޑިވްސްގެ “ލިވް އަންލިމިޓެޑް” ތަޖުރިބާ އާއެކު ކަސްޓަމަރުންގެ ދިރިއުޅުމަށް ފަސޭހަވާފަދަ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އެ ކުންފުނިން އޮތީ ތައްޔާރަށެވެ.