
އުރަމަތީގެ ކެންސަރަށް އެންމެނަށް ފަރުވާ ކުރެވޭނެ ފުރުސަތު ފަހިވުން މުހިންމުކަމަށް ފަސްޓު ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ އެފަދައިން ވިދާޅުވީ، ހަވަނަ، “ބްރެސްޓް ކެންސާ އެވެއާނަސް ސިމްޕޯސިއަމް” ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެކަމަނާގެ ވާހަކަފުޅުގައި، ކެންސަރު ބަލި ތަހައްމަލުކުރާ ކޮންމެ މީހަކު ކުރަނީ ތަފާތު ތަޖުރިބާއެއްކަމަށާއި، އެ ބަލީގެ ވޭން ތަހައްމަލުކުރާ މީހުންނާއި އެމީހުންގެ އާއިލާތަކުން ދައްކާ ހިތްވަރާއި ވިލުންތެރިކަމުގެ ނަމޫނާއިން، އެހެންމީހުންނަށް ހިތްވަރުހޯދޭކަން ފާހަކުރެއްވިއެވެ.
އަދި އެ ވިލުންތެރިކަމާއި ހިތްވަރަކީ، ކެންސަރު ބައްޔަށް ފަރުވާދިނުމުގެ ދާއިރާ އިތުރަށް ކުރިއަރުވައި، ބަލި އަވަހަށް ދެނެގަތުމުގެ ޕްރޮޓޮކޯލްތައް ހަރުދަނާކޮށް، އެމީހުންނަށް ދޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް ބާރުދޭ ހަކަތަ ކަމުގައިވާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
އަދި އެއްވެސް އަންހެނަކީ، އުރަމަތީގެ ކެންސަރުގެ ފަރުވާއާ އެކަނިމާއެކަނި ކުރިމަތިލާ މީހަކަށް ވާން ނުޖެހޭ ގޮތަށް، ރާއްޖޭގައި އުރަމަތީގެ ކެންސަރު ދުރާލާ ދެނެގަނެވޭނޭ އިންތިޒާމު ހަމަޖެހި، ރަނގަޅު ފެންވަރުގައި ބައްޔަށް ފަރުވާ ހޯދޭނޭ ފުރުސަތު އެންމެހާ ރައްޔިތުންނަށް ފަހިވެފައި އޮތުން މުހިންމުކަމަށް ވެސް ސާޖިދާ ވިދާޅުވި އެވެ.
އޭގެ އިތުރުން، ހާއްސަކޮށް 40 އަހަރުން މަތީގެ އެންމެހާ އަންހެނުން، އަދި ޖުމުލަކޮށް ހުރިހާ އަންހެނުން، އަހަރަކު އެއްފަހަރު، މެމޮގްރާމް ހަދައި، ބަލީގެ ނިޝާންތަކަށް ސަމާލުވެތިބުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ތަކުލީފެއް ނޫންކަމަށާއި އެއީ ހައްގެއްކަން، އެންމެހާ އަންހެނުންނަށް، އެކަމަނާ ހަނދުމަފުޅުކޮށްދެއްވި އެވެ.
ސިއްހީ ނިޒާމަށް އައިސްފައިވާ ބައެއް ބަދަލުތަކުގެ ތެރެއިން، ހާއްސަކޮށް އެކި ބަލިބައްޔަށް ހާއްސަ ޑޮކްޓަރުން އެކުގައި މަސައްކަތްކޮށްގެން ކެންސަރަށް ފަރުވާދިނުމުގެ ތެރެއިން، ކެންސަރު ބަލި ތަހައްމަލުކުރާ މީހުންނަށް ބޭނުންވާ ހުރިހާ ފަރުވާއެއް އެކުގައި ލިބޭނޭ މަގުފަހިކުރެވިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

