އީޔޫއާއި ޔޫކޭއިން މިފްކޯ ބްލެކްލިސްޓުކުރި ކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގުކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހިންގަވާ “ތޭރަ އޮންލައިން” ނޫހުން މިރޭ ޝާއިއުކުރި ހަބަރެއްގައި ބުނީ އޮޑިޓަކުން ފެއިލްވެެގެން ޔޫކޭއާއި އިޔޫއިން މިފްކޯ ބްލެކްލިސްޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް އެ ނޫހުން ވެސް ނުދެއެވެ.
ނަމަވެސް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެކްސްގައި ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
އޭނާ ވިދާޅުވީ އީޔޫއިންވެސް އަދި ޔޫކޭއިންވެސް ދިވެހި މަސްކުންފުނި މިފްކޯ އަދި އެއްވެސް އެކްޓިވް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައި ނުވާ ކަމަށެވެ.
އަދި އަންނަ ހަފްތާގައިވެސް ޔޫކޭގެ މުހިންމު ބަޔަކާ މިފްކޯއާއެކު ވިޔަފާރި އެއްބަސްވުމެއްގެ މަޝްވަރާއަކަށް ރާއްޖެ އަންނަކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިއީ ކަނޑައެޅިގެން ދޮގެއް. އީޔޫ އިންވެސް އަދި ޔޫކޭއިންވެސް ދިވެހި މަސްކުންފުނި މިފްކޯ އަދި އެއްވެސް އެކްޓިވް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައި ނުވާ ވާހަކަ ދަންނަވަން. އަޅުގަނޑަށް އެނގިގެން އަންނަ ހަފްތާގައިވެސް ޔޫކޭގެ މޭޖަރ ބަޔަރެއް މިފްކޯއާއެކު ވިޔަފާރި… https://t.co/Gy1z8meraO
— Ahmed Shiyam (@Shiyamaldives) July 10, 2025
“މަސްވެރިކަމަކީ ދިވެހީންގެ ލޭނާރު. އަދި އެތައް އާއިލާއެއް ދިރިއުޅުން ބަރޯސާ ކުރަނީ މަސްވެރިކަމަށް ކަމުގައި ވީހިނދު މިފަދަ ސިނާޢަތެއްގައި މަސައްކަތްކުރާ އާއިލާތަކަށް އަދި މުޅި ގައުމަށް ނިކަމެތިކަން އަންނާނެފަދަ ގޮތްގޮތަށް ރެޖިސްޓާޑް ނޫސް އެޖެންސީއަކުން ހަގީގަތާ ހިލާފު މިފަދަ މައުލޫމާތު ފެތުރުމަކީ ނޫސްވެރިކަމުގެ ވަރަށް ޒިންމާދާރުކަންކުޑަ އަމަލެއް ކަމުގައި ދަންނަވަން.” މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.