އެހެން އަހަރުތަކެކޭ އެއްގޮތަށް، މި އީދު ދުވަހު ވެސް އަތޮޅުތެރެއަށް ފޯރުކޮށްދެމުން އަންނަ އާރުޓީއެލް ފެރީ އަދި ސީއެފްއެން ލަކުޑި ފެރީގެ ހިދުމަތް ނުލިބޭނެ ކަމަށް އެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީން ބުނެފި އެވެ.
އާރުޓީއެލް ފެރީ އަދި ލަކުޑި ފެރީގެ ހިދުމަތް މާދަމާ ނޯންނާނެކަން ހާމަކޮށް އެމްޓީސީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ އީދު ދުވަހު ބަހުގެ ހިދުމަތާ އަދި ފެރީގެ ހިދުމަތް ދޭ ގަޑިތަކަށް ވެސް ބަދަލު ގެނެސްފައިވާ ކަމަށެވެ.
ގްރޭޓާ މާލެ ފެރީ ހިދުމަތް:
- އީދު ނަމާދުގެ ކުރިން މާލެ-ވިލިމާލެ އެންމެފަހު ފެރީ އޮންނާނީ ހެނދުނު 6:30 ގައި. އަދި އީދު ނަމާދަށް ފަހު ފުރަތަމަ ފެރީ އޮންނާނީ ހެނދުނު 8:00 ގައި.
- ހުޅުމާލެ-މާލެ ފެރީ ފަށާނީ މެންދުރުފަހު 2:00 ގައި.
- މާލެ-ކުޑަގިރި ފެރީ ފަށާނީ ހެނދުނު 08:30 ގައި.
- މާލެ-ތިލަފުށި ފެރީ ފަށާނީ ހެނދުނު 08:30 ގައި.
އައްޑޫ ސިޓީ ފެރީ ހިދުމަތް:
- ހުޅުމީދޫ-ފޭދޫގެ ސައިކަލު ފެރީ ދަތުރު ފަށާނީ މެންދުރުފަހު 2:45 ގައި.
- ފޭދޫ-ހުޅުމީދޫގެ ދަތުރު ފަށާނީ ރޭގަނޑު 7:30 ގައި.
- ހުޅުމީދޫ-ހިތަދޫ ދަތުރު ފަށާނީ މެންދުރުފަހު 2:30 ގައި.
އެމްޓީސީސީން ބުނީ އައްޑޫގައި މާދަމާ ބަހުގެ ހިދުމަތް ދޭނީ މެންދުރުފަހު 2:00 އިން ފެށިގެން ރޭގަނޑު 9:00 އަށް ކަމަށެވެ. އެއީ LR01 އަދި LR02 ރޫޓު މެދުވެރިކޮށެވެ.
އީދު ނަމާދުގެ ކުރިން މާލެ އާއި ހުޅުމާލެ ފޭސް 1 އަދި ފޭސް 2 އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފަތިހު 5:30 އަދި ހެނދުނު 6:00 ގައި ބަސް ދަތުުރުކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ އިތުރުން 24 ގަޑިއިރު ބަސް ދަތުރުކުރާ R13 އަދި R14 (ވިލިމާލެ އިންޓާނަލް) ރޫޓުގެ ދަތުރުތައް ހެނދުނު 6:00 އިން 8:00 ގެ ނިޔަލަށް މެދުކަނޑާލެވޭނެކަން ފާހަގަކުރި އެވެ.
މާލެ ސަރަހައްދުގައި އީދު ނަމާދަށް ފަހު ބަހުގެ ހިދުމަތް ފަށާނީ ހެނދުނު 8:00 ގަ އެވެ.