މި ފެށޭ ބޮޑު އީދުގައި ފެނާއި ކުލަ ޖެހުމުގައި އަމަލުކުރަން ނ. ކެނދިކުޅުދޫގައި މިންގަނޑެއް އެކުލަވާލައިފި އެވެ.
ކެނދިކުޅުދޫ ކައުންސިލްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މިންގަނޑު އެކުލަވާލީ ފާއިތުވި އަހަރުތަކުގައި އީދުގެ ހަރަކާތްތައް ހިނގާފައިވާ ގޮތަގެ ތަޖުރިބާއަށް ބެލުމަށް ފަހު ކަމަށެވެ.
އެ މިންގަނޑުގައި ބުނެފައިވާ ގޮތުން ބޮޑު އީދު ހަރަކާތްތަކުގައި ހާއްސަކޮށްފައިވާ ދުވަހާއި ވަގުތުގައި ފިޔަވައި އެހެނިހެން ދުވަސްތަކާ ވަގުތުތަކުގައި ފެންޖެހުމާއި ކުލަޖެހުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްގެން ނުވާނެ އެެވެ.
އަދި އިމާރާތްތަކާއި، ގޭބިސީތަކާއި ރައްޔިތުންގެ މުދަލަށް ފެނާއި ކުލަ ޖަހައިގެން ނުވާނެ ކަމަށް މިންގަނޑުގައި ބުނެފައި ވެއެވެ.
މިންގަނޑުގައި ހިމަނާފައިވާ އިތުރު ކަންކަން
- ފެނާއި ކުލަ ފިޔަވައި ތެޔޮ، ކަޅުތެޔޮ، ފިއްލެޔޮ، ދަވާދު، ފަދަ މިނޫންވެސް ފެންޖެހުމުގެ ހަރަކާތުގައި މީހަކަށް އަނިޔާއެއް ވެދާނެ ފަދަ ޒާތުގެ އެއްވެސް އެއްޗެއް ބޭނުންނުކުރުން.
- އެއްގަމު އުޅަނދުތަކުގައި ދުއްވާފައި އުޅުއްވާ ފަރާތްތަކަށް އަމާޒުކޮށް ކުލަޔާއި ފެން ނުޖެހުން.
- އެކި ރަށްރަށުން މެހުމާނުންގެ ގޮތުގައި ކެނދިކުޅުދޫއަށް އަންނަ އެއްވެސް ފަރާތެއްގެ ރުހުމަކާއި ނުލާ އެބޭފުޅުންނަށް އަމާޒުކޮށް ފެނާއި ކުލަ ނުޖެހުން.
- ފެންޖެހުމާއި ކުލަޖެހުމުގެ ހަރަކާތުގެ ތެރެއިން ސައިކަލާއި ކާރުފަދަ އުޅަނދުތަކުގަައި އެކި ތަންތަނަށް ގޮސް ނުވަތަ އެކި މީސްމީހުންގެ ފަހަތުން ފަހާ ދުއްވައިގެން ފެންޖެހުމާއި ކުލަޖެހުން ފަދަ ކަންކަން ނުކުރުން.
- ކުޑަކުދިންނާއި އަންހެނުންގެ ގަޔަށް ފެންޖެހުމާއި ކުލަޖެހުމުގައި އެފަރާތްތަކުގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުން.
- ފެންޖެހުމާއި ކުލަޖެހުމުގެ ހަރަކާތުގެ ތެރެއިން އިޖުތިމާއީ މަސްލަހަތު ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުން.