
އީދުގައި އުފާފާޅުކުރާއިރު އިސްލާމީ މިންތަކަށް ފަރުވާތެރިވާން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.
މާދަމާ ފިތުރު އީދު ފެށޭތީ ރައީސް މިރޭ ދެއްވި ހިތާބުގައި ވިދާޅުވީ އިސްލާމްދީނުގައި އެއްވެސް ކަމެއްގައި މާތްވެގެންވާ އިސްލާމްދީނުގެ މިންގަނޑުން ބޭރުވުމެއް ނެތް ކަމަށެވެ.
އެގޮތުން އީދުގެ އުފާފާޅުކުރުން ވެސް އޮތީ އެގޮތުގައި ކަމަށާއި އެހެންވެ އީދުގެ އުފަލުގައި ކަންކަން އިންތިޒާމުކޮށް ރާވާއިރު، އިސްލާމީ އިންތަކާއި މިންތަކަށް ފަރުވާތެރިވުން މުހިންމުކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިސްލާމްދީން އަބަދުވެސް ބާރުއަޅަނީ ހެޔޮކަމަށް ކަމަށާއި ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މާތް ސިފަތަކަށް ކަމަށެވެ.
ވަކިވެގެންދިޔަ ރޯދަމަސް އަޅުގަނޑުމެންނާ ވަކިވެގެން ދިޔައީ އަޅުގަނޑުމެންގެ ނަފުސުތަކަށާއި ގުނަންތަކަށް މުހިންމު ތަމްރީނުތަކެއް ދީފައި ކަމަށާއި ރަނގަޅު ބަސްތައް މެނުވީ އަޅުގަނޑުމެންގެ ދޫތަކުން ނުބުނުމަށް ވެސް ރައީސް ގޮވާލެއްވިއެވެ.
“ރަނގަޅު އަމަލުތައް މެނުވީ އަޅުގަނޑުމެންގެ ގުނަންތަކުން ނުކުރުމެވެ. ވަކިވަކިވެ ރޫޅިފައިވާ ބައެއްގެ ގޮތުގައި ނުވެ، ބިޔަ އެއް ޖަމާޢަތެއްގެ ގޮތުގައި އެއްބައެއްވަންތަކަމާއެކު މުސްލިމުން ދެމިތިބުމަށް ބާރުއެޅުމެވެ. ހުރިހާ މާނައެއްގައި ވެސް، ހުރިހާ ވަގުތެއްގައި ވެސް ކެތްތެރިވުމެވެ. ރޯދައިގެ މަދަރުސާއިން މި ފިލާވަޅުތައް ލިބިދިނެވެ.” ރައީސް ވިދާޅުވިއެވެ.

