ފިތުރު އީދު ކުލަގަދަ ގޮތެއްގައި ފާހަގަކުރަމުން ތައްޔާރުވަމުންދާ ކަމަށާއި މި އީދުގައި ތަފާތު ގިނަ ހަރަކާތްތަކެއް ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީން ދަނީ މި އީދަށް ހުޅުމާލޭގެ އެކި ސަރަހައްދުތައް ދިއްލުމަށް އީދު ލައިޓުތައް ހަރުކުރަމުންނެވެ. އީދާ ގުޅިގެން ޒީނަތްތެރި ކުރުމުގެ އެކި މަސައްކަތްތަކުގެ އިތުރުން ތަފާތު ގިނަ އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވެސް އެ ކުންފުނިން ވަނީ ރާވާފަ އެވެ.
ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ހާއްސަކޮށްފައިވާ ދެ ސަރަހައްދު ތައްޔާރު ކުރުމުގެ މަސައްކަތް ވެސް އެޗްޑީސީން ދަނީ ކުރަމުންނެވެ. ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ އެވެ. އެއީ ފޭސް އެކެއްގެ ސިންތެޓިކް ޓްރެކްގަ އާއި ފޭސް ދޭއްގެ ކްރިކެޓް ސްޓޭޑިއަމްގަ އެވެ. ނަމާދަށްދާއިރު ގެއިން މުސައްލަ އާއި ގޮނޑިފަދަ ތަކެތި ހިފައިގެން ދިއުމަށް ވަނީ އެދިފަ އެވެ.
Get ready for an unforgettable Eid in Hulhumalé! Celebrate with dazzling lights, exciting activities, and a night full of magic. Join us for a spectacular celebration that will light up your Eid!#Eid1446 #WithHDC pic.twitter.com/Dsltzbck53
— Housing Development Corporation (@hdcmaldives) March 27, 2025
ހުޅުމާލޭގައި ދިއްލާލާ އީދު ލައިޓުތަކާ އެކު، އީދު ފެސްޓިވަލަކާއި ޑްރޯން ޝޯއަކާ އަދި ހަވާއެރުވުމުގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އީދު ފެސްޓިވަލް ބޭއްވުމަށް ނިންމާފައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. ފެސްޓިވަލް ކުރިއަށް ދާނީ އީދު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން 5:45 އަށެވެ.
އީދު ފެސްޓިވަލަކީ އެޗްޑީސީ އާއި މަންފާ ޖަމިއްޔާ ގުޅިގެން ކުރިއަށް ގެންދާ ފެސްޓިވަލެކެވެ. ފެސްޓިވަލް އިންތިޒާމު ކުރުމުގައި ބިޒްނަސް ކޯޕަރޭޝަން ސެންޓަރު (ބީސީސީ) އާއި ހިދުމަތް ޖަމިއްޔާ އާއި މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަނާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ އިތުރުން ޑްރިފްޓް އެސޯސިއޭޝަނުގެ އެހީތެރިކަން ލިބޭ ކަމަށް ބުނެފައިވެ އެވެ.
އެ ހަރަކާތްތަކުގެ އިތުރުން ސަލާމަތީ ބާރުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ބާއްވާ “އީދު ހަވީރު 1446” ގައި ވެސް ވެސް އެޗްޑީސީން ބައިވެރިވާނެ އެވެ. އެކަމާ ގުޅޭގޮތުން އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަރު، ޕަބްލިކް ރިލޭޝަންސް މުހައްމަދު ސިރާޖު ވިދާޅުވެފައި ވަނީ ހަރަކާތްތައް ކުރިއަށް ގެންދާނީ ގިނަ އާއިލާތަކަކަށް ބައިވެރިވެވޭ ގޮތަށް ކުޑަކުދިންނަށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭ ގޮތަށް ކަމަށެވެ.
އެޗްޑީސީގެ ސްޓޯލުގައި ބައުންސީ ކާސްލްއަކާއި ކުދިންގެ ހުނަރު ދައްކާލެވޭނެ ގޮތަށް އީދު ކާޑު ތައްޔާރު ކުރުން ފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ސިރާޖު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ހަރަކާތްތަކުގެ ތެރެއިން ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތް ކުރާނެ ކަމުގަ އެވެ. އެގޮތުން ސްޓޯލުގައި ގާއިމުކޮށްފައިވާ ރޭސިން ޓެރެކްގެ ތެރެއިން ޓްރެފިކްގެ ގަވާއިދުތަކަށް ކުޑަކުދިން އަހުލުވެރިކުރަން މައުލޫމާތު ހިއްސާކުރާނެކަން ފާހަގަކުރެއްވި އެވެ.
ސްޓޯލް ޑިޒައިންކޮށްފައި ވަނީ ޕަވް ޕެޓްރޯލުގެ ތީމަށް ކަމަށްވާއިރު، ބައިވެރިވާ ފަރާތްތަކަށް ޕަވް ޕެޓްރޯލުގެ ކެރެކްޓާތައް ދައްކައިދޭ ގޮތަށް ހެދުން އަޅައިގެން ފޮޓޯ ނެގުމުގެ ފުރުސަތު ލިބޭނެ ކަމަށް ސިރާޖު ވިދާޅުވި އެވެ. ވިދާޅުވީ ކުދިންނަށް ފަހަށް ރައްކާކުރެވޭ ހަނދާނެއްގެ ގޮތުގައި އެކަން ވާނެ ކަމަށް އެޗްޑީސީން އުންމީދުކުރާ ކަމަށެވެ.
އީދު ހަވީރުގައި ގާއިމުކޮށްފައިވާ އެޗްޑީސީ ސްޓޯލުގައި ބައިވެރިވާ ކުދިންނަށް ހަދިޔާ ބެހުން ވެސް ކުރިއަށް ދާނެ އެވެ.
އީދު ފާހަގަކުރަން އެ ކުންފުނިން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ވީހާވެސް ގިނަ އާއިލާތަކުން ބައިވެރިވުމަށް އެޗްޑީސީން އެދެ އެވެ.